ކުޅިވަރު

ލިލް އަތުން ޗެމްޕިއަން ޕީއެސްޖީއަށް ބޮޑު މޮޅެއް


ފްރެންޗް ލީގުގައި ލިލްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ލިލްގެ ދަނޑުގައި ކުޅުނު މި މެޗް ޕީއެސްޖީން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން އަށްވަނަ ސިކުންތުގައި ލިއޮނެލް މެސީ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. އަދި ޕިއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖަހާދިނީ މެސީއެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީންވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 39 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ އާއި 43 ވަނަ މިނެޓްގައި ނޭމާއެވެ. އަދި އެ ޓީމުގެ ފަސްވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޖަހައިދިނީވެސް ނޭމާއެވެ.

މި މެޗުގައި ލިލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ޖަހައިދިނީ ޖޮނަތަން ބަމްބާއެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓާއި 87 ވަނަ މިނެޓުގައި ޕީއެސްޖީގެ އެމްބާޕޭ ވަނީ ދެ ލަނޑު ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ލިލް ވަނީ ތާވަލުގެ 12 ވަނައަށް ފަހަތަށް ޖެހިލާފައެވެ.