އިޓާލިއަން ލީގުގައި އެޓަލާންޓާ އާއި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެޓަލާންޓާއިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުސްލާން މަލިނޯވްސްކީއެވެ.
މި މެޗުގައި މިލާނުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް ބެނާސާއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައެއް ނުވެއެވެ.
މި މެޗު އެއްވަރުވުމާއެކު މިލާން މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އަދި މިއީ ލީގުގައި މިލާން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ. އަދި އެޓަލާންޓާ އުޅެނީ ހަތަރު ޕޮއިންޓާއެކު ތަވަލުގެ ހަތަރު ވަނައިގައެވެ.