ޚަބަރު

ކޮރަޕްޝަނުން ގެެއްލިގެންދިޔަ ފައިސާތައް މިއަހަރު ހޯދަން ފަށާނަން


ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުން ބަދަލު ހޯދުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.2012 ވަނަ އަހަރުގެ ރައްޔިތުންގެ މަޖީލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާއި، ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާއާއި ގުޅިގެން ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ފަރާތްތަކާއި ގުޅޭގޮތުން މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ރިޕޯޓްތަކުގެ އަލީގައި އެފަދަ ފަރާތްތަކުން ކޮށްފައިވާ ޢަމަލުތަކާއި ގުޅިގެން ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް، ޚާއްޞަ މަސައްކަތްތަކެއް ކުރައްވަންޖެހިފައިވާކަމަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ދައުލަތުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ކަމާބެހޭ ކޯޓުތަކުގައި އެފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމުގެ މަސައްކަތް، ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ފައްޓަވާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސް ޔަމީން ވަނީ ވިދާޅުވެފައެވެ.  ރައިސް ޔަމީން މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާއިރު، ދައުލަތުގެ އެކި އެކި މުއްއްސަސާތަކުގެ އޮޑިޓް ރިޕޯޓްތައް އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާއިރު، އެތައް މިލިޔަން ރުފިޔާގެ މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮރަޕްޝަން ހިމެނޭ ގިނަ މައްސަލަތަކެއް  އެންޑިކޮރަޕްޝަން ކޮމިޝަނުން ބައްލަވާ ނިންމާފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ އެމް.އެމް.ޕީ.އާރުސީން ގިނަ ފަޅުރައްތަކެއް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ނައިބުރައިސް އަހްމަދު އަދީބާއި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން އެފަރާތްތަކާއި ގުޅުންހުރި ބައެއް ފަރާތްތަކުގެ މައްސަލަތައް މިހާރު ވަނީ ކޯޓަށް ހުށައަޅާފައެވެ.