ޚަބަރު

ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިލްމީ ދިރާސާއަކީ މުހިންމު އެއްޗެއް: ނާއިބު ރައީސް


ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށާއި ޤައުމު ކުރިއެރުވުމަށް އިލްމީ ދިރާސާތައް ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މިއަދު ފެށި ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ކޮންމެ އަހަރަކު ބާއްވާ މަހާސިންތާއެކެވެ. އެގޮތުން މިއީ ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 5 ވަނަ ފަހަރުއެވެ.

ރަސްމިއްޔާތު ޝަަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ އެއްފުރާޅެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ކޮންމެ އަހަރަކު އެއްވާ އެއްވުމަކީ ވަރަށްވެސް އުފާވެރި މަންޒަރެއްކަމަށެވެ. އަދި ތަރައްޤީއާއި އިލްމީ ދިރާސާތައް ގުޅިލާމެހިފައިވާއިރު، ޤައުމު ކުރިއެރުވުމަށް އެއީ ވަރަށް މުހިންމު މަސައްކަތެއްކަން ނާއިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ދިރާސާތަކުގެ ސަބަބުން މުޖުތަމައުގައި ހުންނަ ތަފާތު ކަންތައްތަކާއި މައްސަލަތައް އެނގިގެންދާނެކަމަށެވެ.

"ދިރާސާއަކީ ރައްޔިތުންގެ މައްޗަށް ހަދާ ޤާނޫނާ ޤަވާއިދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހެދުމަށް ވަރަށް މުހިންމު އެއްޗެއް. އެގޮތުން ޤައުމުގައި ގިނަ ދުވަހު ހައްލުނުވެ ހުންނަ މައްސަލަތައް ހައްލުކުރުމަށް އެއީ ވަރަށް މުހިންމު ކަމެއް. މިސާލަކަށް ޤައުމުގެ ފަޤީރުކަމާއި، ވަޒީފާ އަދާކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް ވަޒީފާ ހޯދުމުގެ ދަތިތައްފަދަ މައްސަލަތައް ހައްލުކުރަން ފަސޭހަވެގެންދާނެ ކުރެވޭ ދިރާސާތަކުން" ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ފެށިގެން މިދިޔަ މަހާސިންތާގައި މުހިންމު ކަންތައްތަކެއް އެނގިގެންދާނެކަމަށާއި ޤައުމު ބިނާކުރުމާއި ގުޅިގެން ތަފާތު އެކި ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދިގެންދާނެކަމަށް އުންމީދުކުރެވޭކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިއަހަރުގެ މަހާސިންތަ ޚާއްސަކޮށްފައި ވަނީ ޤައުމު ބިނާ ކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ. މި މަހާސިންތާއަކީ ތަފާތު އެކި ޢިލްމީ ދިރާސާތައް ހުށައެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ އިލްމީ ބޭފުޅުން ބައިވެރިވެގެން ރާއްޖޭގައި ބައްވާ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގެ އެންމެ މުހިއްމު މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމްގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުންކަމަށް ޔުނިވަރސިޓީން ބުނެއެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ޤައުމީ މުހިއްމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެއްކަމަށް ޔުނިވަރސިޓީން ބުނެއެވެ.

މި ކޮންފަރެންސްގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ކުންފުނިތަކުންނާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް އެކި ސެޝަންސްތަކުގައި ހުށައަޅާނެއެވެ.

އޭގެތެރޭގައި އިނގިރޭސި، ދިވެހި އަދި އަރަބި ބަހުންވެސް ކަރުދާސް ހުށަހަޅާނެއެވެ.

މަހާސިންތާގައި ކުރިއަށްދާ ސެޝަންތަކުގައި ކަރުދާސް ހުށަހަޅާ ދާއިރާތައް:

* ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
* ކޮމްޕިއުޓަރ އެންޑް ޓެކްނޮލޮޖީ
* ހެލްތު އެންޑް މެޑިސިން
* ޖެންޑަރ އެންޑް ހިއުމަން ރައިޓްސް
* ހިސްޓްރީ އެންޑް ކަލްޗަރ
* ޖާނަލިޒަމް އެންޑް ސޯޝަލް މީޑިއާ

ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ފަންނީ ޢީލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއެވެ. އެހެންކަމުން މި ކޮންފަރެންސްއަކީ ޔުނިވަރސިޓީއަށާއި ރާއްޖެއަށް މުހިއްމު އިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ކޮންފަރެންސެއްކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.