ޚަބަރު

އިންޑިއާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން 50 މީހުން މަރުވެއްޖެ


އިންޑިޔާގެ އުތުރާއި އިރުމަތީގެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 50 މީހުން މަރުވެއްޖެއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ހިމާޗަލް ޕްރަދޭޝާއި އުއްތަރްޚާންދް ސްޓޭޓުގެ ސަރަޙައްދުތަކަށެވެ.

އެ ދެ ސްޓޭޓްގެ ގިނަ ސަރަޙައްދުތަކަށް ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހެމުން ދާތާ ތިން ދުވަސްވެފައި ވާއިރު، ފެންބޮޑުވުމާ ގުޅިގެން އެތައް ސަތޭކަ އަވަށްތަކެއްގެ ގިނަ އަދަދެއްގެ ގެތަކެއް ވަނީ ހަލާކުވެފައެވެ. އަދި، އެ އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތާށިވެފައެވެ. އަދި، އެ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ކުރިން ލަފާ ކޮށްފައި ވަނީ، އެހެން އަހަރުތަކެކޭ އެއް މިންވަރަކަށް އޮގަސްޓު އަދި ސެޕްޓެންބަރު މަހު ވެސް ވާރޭ ވެހޭނެ ކަމަށެވެ. ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ވަނީ ކަނޑައިގެން ގޮސްފައެވެ. މި ހާދިސާތަކުގައި އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު 36 އަށް އަރައެވެ. އިންވެގެން އޮންނަ އުއްތަރްޚާންދުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ހިނގި ހާދިސާތަކުގައި ހަތަރު މީހުން މަރުވި ކަމަށާއި، އިތުރު 13 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ސްޓޭޓުގެ އޮފިޝަލުން ބުނެއެވެ. މި މަސައްކަތުގައި އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ ހެލިކޮޕްޓަރު ވެސް ބޭނުން ކުރަމުންނެވެ.

އިންޑިޔާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ހަ މީހުން މަރުވިއެވެ. އަދި، އޮޑިޝާގައި 800,000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އަދި، އެ ސްޓޭޓުގެ 120,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
ޖަރްކަންދް ސްޓޭޓުގައި ފެންބޮޑުވެ، ފަސް މީހުން ވަނީ ނަލްކާރީ ކޯރުގެ ތެރެއަށް ގެއްލިފައެވެ. މިހާތަނަށް ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ސްޓޭޓުގެ އޮފިޝަލުން ބުނެއެވެ.

ވިއްސާރަ މޫސުމަކީ އިންޑިޔާގެ ދަނޑުވެރިކަމުގެ ސިނާޢަތުގެ ދިރުމެވެ. އޭޝިޔާ ބައްރުގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ އިންޑިޔާގެ އިޤްތިޞާދުގެ 15 އިންސައްތަ ހިއްސާ ކުރަނީ ދަނޑުވެރިކަމުން ލިބޭ އާމްދަނީއެވެ. އަދި، އިންޑިޔާގެ 1.3 ބިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އެ ޤައުމުގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެއެވެ.