ދުނިޔޭގެ ވިޔަފާރި

ތެޔޮ އަގުބޮޑު ނުކުރާނެކަމަށް އިންޑޮނޭޝިއާއިން ބުނެފި


ސަބްސިޑައިޒްކޮށްފައިވާ ތެލުގެ އަގު މި ކުއާޓަރުގައި ބޮޑު ނުކުރާނެކަމަށް އިންޑޮނޭޝިއާގެ ޗީފް އިކޮނޮމިކް މިނިސްޓަރ އެއާލަންގާ ހާޓާޓޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޗީފް އިކޮނޮމިކް މިނިސްޓަރ އެއާލަންގާ ހާޓާޓޯ މިހެން ވިދާޅުވީ ހަކަތައަށް ސަބްސިޑީ ދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް އަންނަ ހަފްތާގައި ތެލުގެ އަގު ބޮޑުކުރަން ޖެހިދާނެ މި މިދިޔަ ހަފްތާ ފަހުކޮޅު އެ ޤައުމުން އިޝާރާތްކޮށްފައިވަނިކޮށެވެ.

އެއާލަންގާ ހާޓާޓޯ ވިދާޅުވީ ތެލުގެ ސަބްސިޑީއާ ގުޅޭ ބައެއް ކަންކަމާއިމެދު ސަރުކާރުން އަދިވެސް އަންނަނީ މަޝްވަރާކުރަމުންކަމަށެވެ. ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. ސަބްސިޑައިޒް ކޮށްފައިވާ ތެޔޮ ބެހުން ހަނިކުރުމަށް ސަރުކާރުން ޑިޖިޓަލް ސްކީމެއް އެކުލަވާލަމުން އަންނަކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއާއިއެކު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ތެލުގެ އަގު ބޮޑުކުރުން ތައާރަފް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ތެލުގެ އަގު އުފުލިފައި އޮތުމަށްފަހު ތެލުގެ އަގު ދަށްވަމުންދާ މި ދަނޑިވަޅުގައި ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު އޮންނަ އިންޑޮނޭޝިއާގެ މިއަހަރުގެ އެނާޖީ ސަބްސިޑީ ބަޖެޓް ވަނީ 33.82 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ.

ތެލުގެ އަގަށް ބަދަލެއް ނުގެނެސްފިނަމަ، އިތުރު ފައިސާ ބޭނުންވާނެކަމަށް އެޤައުމުގެ މާލީ ވަޒީރު ވިދާޅުވެފައިވާތީ، ތެލުގެ އަގު ބޮޑު ކުރަން ވިސްނާކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯވެސް ވަނީ ވިދާޅުވެފައެވެ.

ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުގެ ސަބަބުން އިންޑޮނޭޝިއާގެ އިންފްލޭޝަން މިދިޔަ ޖުލައިމަހު ވަނީ ވޭތުވެދިޔަ 7 އަހަރުވެސް ނުދާހާ މައްޗަށް، 4.94 އިންސައްތައަށް އަރާފައެވެ.

ތެލުގެ އަގާއި ކަރަންޓްގެ ޓެރިފްތަކަށް ބަދަލެއް ނުގެނައިނަމަ އިންފްލޭޝަން އެއަށްވުރެ މައްޗަށް އަރައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ރައްޔިތުން މިހާރު ސަބްސިޑައިޒްޑް ގޭސް ލީޓަރަކަށް ގާތްގަނޑަކަށް 52 އެމެރިކާ ސެންޓް ދައްކާއިރު، ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ބާޒާރުގައި ލަފާކުރާ އަގަށް ވުރެ ގާތްގަނޑަކަށް 40 އިންސައްތަ ދަށް އަދަދެއް ކަމަށާއި ސަބްސިޑައިޒް ޑީސަލް ލީޓަރަކަށް ދައްކަނީ ގާތްގަނޑަކަށް 35 އެމެރިކާ ސެންޓެވެ. މިއީ ބާޒާރު އަގުގެ ތިންބައިކުޅަ އެއްބައި ދަށް އަދަދެކެވެ.