ޚަބަރު

27 އަހަރަށްފަހު ނަޑެއްލާއަށް އައު އިންޖީނުގެއެއް


27 އަހަރު ފަހުން ގދ. ނަޑެއްލާގައި އައު އިންޖީނުގެއެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ފާއިތުވީ އަހަރުތަކުގައި އެރަށުގައި ބޭނުންކުރަމުން އައި ބައު އިންޖީނުގެ ނިއްވާލާ މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

އާބާދީގައި 1100އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނަޑެއްލާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލައެވެ. ޒަމާނުއްސުރެ ކަރަންޓްގެ ޚިދުމަތް އެރަށުގައި ދެމުން އަންނަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ކުޑަކުޑަ ބައު އިންޖީނުގެއަކުންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވީ ކުރީގެ އިންޖީނުގޭގައި ކުޑަކުޑަ ތަންކޮޅެއްގައި ބައިވަރު މުވައްޒަފުންތަކެއް މަސައްކަތްކުރަން ޖެހިފައިވުމުގެ ސަބަބުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހުނުކަމަށެވެ. އަދި ކުރީގެ އިންޖީނުގޭ ރަށުގެ މެދުގައި ހުރުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ތަކުލީފުތައް އުފުލަން ޖެހުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ރަށުގެ މެދުތެރޭގައި އިންޖީނުގޭ ހުންނާތީ ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ. އަޑުގަދަވުމުގެ ސަބަބުން ކައިރީ ގެތަކުގެ މީހުންނަށް އުނދަގޫވުމާއި ޚާއްސަކޮށް ވިއްސާރަ މޫސުން ތަކުގަ ފެން ނަގަން އެހާމެ އުނދަގޫވޭ. ފުރާޅުތައް ހަމަ އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވޭ ފެން ނަގާކަށް" ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވިއެވެ.

މިހުރިހާ ދައްޗަކާއެކު ދިރިއުޅެމުން އައި ނަޑެއްލާ ރައްޔިތުންނަށް މިހާރު މިވަނީ އެކަމުން އަރައި ގަނެވިފައެވެ. އެ ރަށުގައި މުޅިން އަލަށް ޤާއިމްކުރެވުނު އިންޖީނުގެ ވަނީ ރަށުގައި މީހުން ނޫޅޭ ސަރަހައްދައް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ނަޑެއްލާ ކައުންސިލުން ފާހަގަކުރެއެވެ.

"މިއީ ރައްޔިތުންވެސް ވަރަށް ބޮޑަށް ކުރަމުން އައި އުންމީދެއް. ސަރުކާރުން ކޮށްދިން މިކަމަކީ ރަށުގެ ހުރިހާ ރައްޔިތުންވެސް ހިތުގެ އަޑިން ޤަބޫލުކުރާނެ ކަމެއް. މިކަމަށްޓަކައި ސަރުކާރަށާއި ފެނަކައަށްވެސް ރަށުގެ ރައްޔިތުންނާ އަޅުގަނޑުމެން ކައުންސިލްގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވިއެވެ.

ނަޑެއްލާގައި އަލަށް ޚިދުމަތްދޭން ފެށި އައު އިންޖީނުގެއަކީ 223.80 އަކަމީޓަރުގެ އިންޖީނުގެއެކެވެ. އެހެންނަމަވެސް މީގެކުރިން ނަޑެއްލާގައި ހުރި އިންޖީނުގޭގެ ބޮޑުމިނަކީ 120 އަކަމީޓަރެވެ. އަަލަށް އިމާރާތްކުރި މިއިންޖީނުގޭގައި ހުރި ޖެންސެޓްގެ ކެޕޭސިޓީ އަކީ 538 ކިލޯވޮޓްއެވެ. އަދި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯވޮޓްގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށެވެ.

ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގެރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.