ޖަރުމަން ލީގުގައި ވާޑާ ބްރޭމަންއިން ފަހަތުން އަރައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފިއެވެ.
ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މިމެޗް ބްރޭމަންއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރޭމަންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާ ލީޑު ނެގީ ޑޯޓްމުންޑްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޫލިއަން ބްރަންޑްޓްއެވެ. އަދި މެޗްގެ 77 ވަނަ މިނެޓްގައި ރަފައެލް ގުއެރެއިރޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޑޯޓްމުންޑުން ދެލަނޑުގެ ލީޑެއް މިމެޗްގައި ނެގިއެވެ.
އަދި މިލަނޑާއެކު މިމެޗް އަމިއްލަ ކުޅިބެލުން ކުރިމަތީ ޑޯޓްމުންޑް ކާމިޔާބު ކުރާނެކަމަށް ހީކުރެވުނު ނަމަވެސް ދެން ފެނިގެންދިޔައީ ބްރޭމަންއިން އެޓީމްގެ ކުޅުން ރަނގަޅުކުރި ތަނެވެ. އަދި މިގޮތުން އެޓީމުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ބްރޭމަންއިން އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރެވުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލީ ބުޗަނަންއެވެ.
އަދި މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހާދިނީ ނިކްލަސް ޝްމިޑްޓްއެވެ. މިމެޗުން ބްރޭމަން މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ 5 ވަނަ މިނެޓްގައި ޖަހާދިނީ އޮލިވަރ ބަރކްއެވެ.
މިކާމިޔާބީއާއެކު ބްރޭމަން މިހާރުވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ ފަސް ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޑޯޓްމުންޑް މިވަނީ މިނާކާމިޔާބީއާއެކު ތާވަލްގެ ހަތްވަނައަށް ފަހަތަށް ޖެހިލާފައެވެ.