ކުޅިވަރު

ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗުގައި ޗެމްޕިއަން ނައިފަރު ޗެލްސީ އާއި ހިންނަވަރު


އެސްޓީއޯ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ އާއި ރަނަރަޕް ހިންނަވަރު ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތަކީ ހިންނަވަރު އިންވޭޓިވް ޔޫތު އެސޯސިއޭޝަން (ހިރިޔާ) އާއި ހިންނަވަރު ކޮމިއުނިޓީ ސެންޓަރު އަދި ހިންނަވަރު ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު މިދިޔަ ހަފުތާގައި ކުރިއަށްދިޔައިރު، މި މުބާރާތް ހުޅުވާ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އާއި ހިންނަވަރު ސްޕޯޓްސް ކުލަބެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ.

ފަސް ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ ލީގު ބުރެކެވެ. އެއަށްފަހު ލީގު ބުރުން އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނަ އަދި ތިންވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލް ކުޅޭށެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކުލަބު އޭދަފުށި، ބަޒޫކާ ސްޕޯޓްސް ކުލަބު، ވެލިދޫ، ނައިފަރު ޗެލްސީ އަދި ހިންނަވަރު ސްޕޯޓްސް ކުލަބެވެ.

މިދިޔަ އަހަރު މި މުބާރާތް ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ޅަވިޔަނި އަތޮޅަށް ހުޅުވާލައިގެންނެވެ. އެކަމަކު މި ފަހަރު މި މުބާރާތުގައި ދައުވަތު ދީގެން ވަނީ ޒޯނުގެ އެކި އަތޮޅުތަކުންވެސް ޓީމުތައް ބައިވެރިވެފައެވެ.