ދުނިޔޭގެ ވިޔަފާރި

ޖީ20 ސަމިޓުގައި ޕުޓިން އާއި ޝީ ބައިވެރިވެވަޑައިގަންނަވާނެ


އަންނަ ނޮވެމްބަރު މަހު އިންޑޮނީޝިއާގެ ބާލީގައި ބާއްވަން ހަމަޖެހިފައިވާ ޖީ20 ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއި ރަޝިޔާގެ ރައީސް ވުލަޑްމިއާ ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ ވިދާޅުވެއްޖެއެވެ.

މި ސަމިޓަށް ޝީ ޖިންޕިންގް ވަޑައިގަންނަވާނެކަމަށާއި، ރައީސް ޕޫޓިން ވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވާކަމަށް ދާދިފަހުންދިން އިންޓަވިއުއެއްގައި ވިޑޯޑޯ ވަނީ ވިދާޅުވެފައެވެ.

ޖީ20 ސަމިޓުގައި މިދެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަން ކުރިން ކަށަވަރުވެފައެއް ނުވެ އެވެ. އަދި މިސަމިޓު ވެގެންދާނީ ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން އަދި ޓައިވާނު މައްސަލަގަނޑު ފެށުނު ފަހުން ބޭއްވާ ބައިނަލްއަގުވާމީ ފުރަތަމަ ސަމިޓަށެވެ.

މި ދަތުރުފުޅުވެގެން ދާނީ ކޮވިޑާ ގުޅިގެން ޗައިނާގެ ބޯޑަރުތައް 2020 ވަނަ އަހަރުގެ މާޗު މަހު ބަންދުކުރި ފަހުން ރައީސް ޝީ ގައުމުން ބޭރަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރަށެވެ. ނޮވެމްބަރުމަހު ބާއްވާ މި ސަމިޓަކީ ފެބްރުއަރީ މަހު ރަޝިއާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ޕޫޓިން އާއި ޝީ އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ހަނގުރާމައާއި ހެދި ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. ބެއިޖިން އާއި މޮސްކޯ އިން "ނޯ ލިމިޓްސް" ޕާޓްނަޝިޕެއް އިއުލާންކުރިތާ ދުވަސްތަކެއް ފަހުން ހިނގި އެ ހަނގުރާމައިގައި ޗައިނާއިން އެއްވެސް ފަރާތެއް ކުށްވެރިއެއް ނުކުރެއެވެ.

މިސަމިޓުގެ ކުރިން ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ބައްދަލުކުރައްވާނެ ކަމަށް ގިނަ ހަބަރުތަކަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ބެއިޖިންގްގެ އިންސާނީ ހައްގުތަކާ ބެހޭ ރެކޯޑާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް މިމަހު ކުރެއްވި ދަތުފުޅާއި އެދަތުރުފުޅާ ގުޅިގެން ޗައިނާއިން ޓައިވާނު ވަށަައިގެން ހިންގި އަސްކަރީ ތަމްރީނުތަކާ ހެދި ޗައިނާ-އެމެރިކާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި ޖީ20 ސަމިޓުގެ ތައްޔާރީތަކާއިބެހޭގޮތުން ވިޑޯޑޯ އާއި ޕޫޓިން ވަނީ ފޯނުން މަޝްވަރާކުރައްވާފައެވެ. ނަމަވެސް ޕޫޓިން މި ސަމިޓުގައި ބައިވެރިވެޥަޑައިގަންނަވާނެކަމެއް މި ބަޔާނުގައި ކަށަވަރުކޮށްދީފައެއްނުވެއެވެ.
ޗައިނާއިން ބޯޑަރުތައް ބަންދުކޮށްފައިވާ ހަރުކަށި ޒީރޯ ކޯވިޑް ސިޔާސަތެއް ދަމަހައްޓާފައިވާއިރު، އޮކްޓޯބަރު މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށް ބެލެވޭ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ރައީސްކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރުމަށް ޝީ ދަނީ ތައްޔާރުވަމުންނެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޖީ20 ސަމިޓްގެ ވެރިޔާގެ ހައިސިއްޔަތުން މިއަހަރު އިންޑޮނޭޝިއާއަށް ޕޫޓިންއަށް ދިން ދައުވަތު އަނބުރާ ގެންދިއުމަށް ހުޅަނގުގެ ގައުމުތަކުން ވަނީ އިންޑޮނޭޝިއާއަށް ޕްރަޝަރުކޮށްފައެވެ. އިންޑޮނޭޝިއާ އިން ވަނީ ބާލީ ސަމިޓަށް ޔޫކްރޭންގެ ލީޑަރު ވޮލޮޑިމިރް ޒެލެންސްކީއަށް ވެސް ދައުވަތު ދީފައެވެ.