ޚަބަރު

އިންޑޮނީޝިޔާއިން މަކުނުވިދުރި ޖެހިފައިވާ މީހަކު ފެނިއްޖެ


އިންޑޮނީޝިޔާއިން މަކުނުވިދުރި ޖެހިފައިވާ މީހަކު ފެނިއްޖެއެވެ. މިއީ، އެ ޤައުމުން މި ބަލި ޖެހިފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ. އިންޑޮނީޝިޔާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު މުޙައްމަދު ޝަހްރިލް ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާއަކީ ބޭރު ޤައުމަކަށް ދަތުރު ކޮށްފައި އެނބުރި އައި މީހެއް ކަމުގައެވެ. ނަމަވެސް، އޭނާ ދަތުރު ކޮށްފައި ވަނީ ކޮން ޤައުމަކަށް ކަން ޝަހްރިލް ހާމައެއް ނުކުރިއެވެ.

"ބަލި ޖެހިފައިވާ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން. އޭނާގެ ހަށިގަނޑުން ބޮޑެތި އަލާމަތްތަކެއް ނުފެނޭ. އޭނާއާ އެއްތަންވެފައިވާ މީހުން ދެނެގަނެ، އެ މީހުން އެކަހެރި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ޝަހްރިލް ވިދާޅުވިއެވެ. އިންޑޮނީޝިޔާއިން މި ބަލީގެ ފުރަތަމަ ކޭސް ފެނިފައި ވާއިރު، ވެކްސިންގެ 10,000 ޑޯޒް ގަތުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަލި ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން، އިންޑޮނީޝިޔާގެ ޞިއްޙީ ވުޒާރާއިން ދަނީ ބައްޔާ މެދު ޢާންމުންގެ މެދުގައި ހޭލުންތެރި ކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި، މިއީ ފަރުވާ ކުރެވޭ ބައްޔެއް ކަން ކިޔައިދެމުންނެވެ. އެ ޤައުމުގައި މިހާތަނަށް 22 މީހަކު ވަނީ، ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކޮށްފައެވެ. ނަމަވެސް، އެ އެންމެންގެ ޓެސްޓުތައް ވެސް ވަނީ ނެގެޓިވްވެފައެވެ.

އަވަށްޓެރި ސިންގަޕޫރުން ވެސް ޖުލައި މަހުގެ ތެރޭގައި މި ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ. އަދި، އޮގަސްޓު 5 އާ ހަމައަށް ބަލި ޖެހިފައިވާ 15 މީހަކު ވަނީ ދެނެގަނެވިފައެވެ. މި ބަލި ފެތުރިފައިވާ އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކުގެ ތެރޭގައި ފިލިޕީންސްއާއި ތައިލެންޑު ހިމެނެއެވެ.

މަކުނުވިދުރިއަކީ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅާފައި ވާއިރު، މި ބަލީގެ 40,000 އަށްވުރެ ގިނާ ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. އަދި، 80 ޤައުމަކަށް މި ބަލި ވަނީ ފެތުރިފައެވެ.