ޚަބަރު

4 އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިދިޔަ 4 އަހަރު ތެރޭގައި 19 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަރައްްޤީގެ މަޝްރޫޢުތައް ފަށާފައި ނުވަތަ ފެށުމުގެ މަރުހަލާގައި އެބަހުރިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިއަހަރު 12 އިންސައްތައާއި 18 އިންސައްތައާއި ދެމެދު ކުރިއެރުމެއް ހޯދާނެކަމަށެވެ.

ނަފާވާ ނޫއިޤްތިޞާދާއި ގުޅޭގޮތުން އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ސަރުކާރުގެ އިޤްތިޞާދީ ތަސައްވަރު ހާމަކުރައްވައި، މިހާތަނަށް ކުރެވިފައި ހުރި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ކޯވިޑުގެ ދަތިހާލުގައި 2 އަހަރު ގެއްލިގެން ދިޔަކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އޭރުވެސް ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، އިޤްތިޞާދު ނެގެހެއްޓި ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރައި ދިޔަ ފަސް އިޤްތިޞާދުގެ ތެރޭގައި ރާއްޖެ ހިމެނުނުކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުވެސް އިޤްތިޞާދީ ދުވެލި 12 އިންސައްތައަށްވުރެ މަތީގައި ހުންނާނެކަމަށް އަމީރު ވަނީ އަންދާޒާ ކޮށްފައެވެ.

"މީގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖެއަކީ މުޅި ދުނިޔޭގެ އިޤްތިޞާދުތަކަށް ބަލާއިރުވެސް، އެންމެ ބާރަށް ކުރިއަރައި ދިޔަ އިޤްތިޞާދުގެ ތެރޭގައި ހިމެނިގެން އެބަދޭ. އަދި 2022 ވަނަ އަހަރު، މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދު ގާތްގަނޑަކަށް 12 އިންސައްތައާއި 18 އިންސައްތައާއި ދެމެދު އިޤްތިޞާދު ކުރިއަރައި ދާނެ" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އިޤްތިޞާދީ ހަރަކާތްތަކަށް އަމީރު ވަނީ އަލިއަޅުވާލާފައެވެ. އަދި މީގެ ކުރީން ސަރުކާރުތަކުގައި ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން އަމީރު ވަނީ ބައެއް ތަފާސް ހިސާބާއެކު ކިޔައިދެއްވާފައެވެ. އެގޮތުން 2008 އިން 2018 ވަނަ އަހަރާއި ހަމައަށް 4 ދާއިރާކުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުވާލިއެވެ. އެއީ މަގު ހެދުމުގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމާއި ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށެވެ.

މިގޮތުން 2008 އިން 2018 އަށް 10 އަހަރުތެރޭ މިދާއިރާތަކުން ހިންގިފައިވަނީ އެންމެ 7.35 ބިލިއަން ރުފިޔާގެ މަޝްރޫޢުކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މި ސަރުކާރުން 4 އަރުތެރޭގައި ހިންގަން ނިންމައި އެކި މަރުހަލާތަކުގައި ހުރި މަަޝްރޫއުތަކުގެ ޖުމްލަ އަގު 19.39 ބިލިއަނަށް އަރާކަން ފިނޭންސް މިނިސްޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއާއެކުވެސް މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވަރުގެ ތެރެއިން މިނޫންވެސް ބިޔަ ބޮޑެތި މަޝްރޫޢުތައް ހުރިކަން އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީގެ މަޝްރޫޢު އަދި މާލޭ ކޮމާޝަލް ބަނދަރުގެ މަޝްެރޫޢު ވަނީ ފާހަގަކޮށްފައެވެ.