ކުޅިވަރު

ޓްރޯއިޒް އަތުން ލިޔޯނަށް ފަސޭހަ މޮޅެއް


ފްރެންޗް ލީގުގައި ޓްރޯއިޒްއާ ދެކޮޅަށް ކުޅުނު މެޗު އޮލިމްޕިކް ލިޔޯނުން ކާމިޔާބުކޮށްފިއެވެ.

ލިޔޯންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިޔޯންއިންނެވެ. އަދި މިމެޗް އެޓީމުން ވަނީ ވަރަށް ފޯރީގައި ފަށާ މެޗްގެ ކުރީކޮޅު ލީޑްވެސް ނަގާފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ޖަހާދިނީ އެނބުރި ލިޔޯންއަށް މިސީޒަންގައި ބަދަލުވި ތަޖްރިބާކާރު ފޯވަޑް އެލެގްޒެންޑަރ ލަކަޒެޓްއެވެ.

އެކަމަކު ފުރަތަމަ ހާފް ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޓްރޯއިޒްވަނީ މެޗްގެ ނަތީޖާ ހަމަަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފްލޯރިއަން ޓާޑިއުއެވެ.

މިމެޗްގައި ދެވަނަ ފަހަރަށް ލިޔޯންއިން ލީޑު ނެގީ ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގައި ނިކޮލާ ޓަގްލިއަފީކޯ ޖަހާދިން ލަނޑުންނެވެ. މިމެޗްގައި ލިޔޯންގެ ތިންވަނަ ލަނޑު ޖަހާދިނީ އޭގެ ތިން މިނެޓްފަހުން ޓޭޓޭއެވެ. އަދި ލިޔޯންގެ ފަހު ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހާދިނީވެސް ޓޭޓޭއެވެ.

މިކާމިޔާބީއާއެކު ލިޔޯން މިވަނީ ލީޤް އާން ގައި މިސީޒަންގައި މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ އެއްވަނައިގާ އޮތް އެންމެފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ޕީއެސްޖީއަށް ކުރި ލިބޭތީއެވެ. އަދި ޓްރޯއިޒް އުޅެނީ ކުޅުނު ތިން މެޗުންވެސް ބަލިވެ ތާވަލްގެ އެންމެ ފުލުގައެވެ.