ވިޔަފާރި

އެސްއެމްއީ ލޯނަށް އާންމުންގެ ބޮޑު ތަރުޙީބެއް


އެސްއެމްއީ ލޯނަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލު ފުރުޞަތުގައި އެންމެ ގިނަ އެޕްލިކޭޝަން ލިބިވަޑައިގެންފައިވަނީ އޯޕަން ކެޓަގަރީންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އެމިނިސްޓްރީން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ގާތްގަނޑަކަށް 550 އެއްހާ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި އެސްއެމްއީ ލޯނަށް ހުޅުވާލި ފުރުޞަތުގައި ހީކުރިވަރަށްވުރެ ބޮޑު ތަރުޙީބެއް ލޯނަށް ލިބިފައިވާކަމަށެވެ.އެސްއެމްއީއަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓު ކުރުމަށްފަހު ކުރިޔަށް އޮތް ތިންމަސްދުވަހުގެ ތެރޭގައި ލޯނު ފައިސާތައް ޝަރުޠު ހަމަވާ ފަރާތްތަކަށް ޙަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ. އެންމެ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔާފަރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދަވާ މި ލޯނު ސްކީމަކީ އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިޔަށް ގެންދަވާ ފަންސާސް މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.މި ލޯނުގައި ރަހުނެއް ބަހައްޓަން ނުޖެހޭއިރު ލޯނުގެ އިންޓްރެސްޓަކީ އަހަރަކު ނުވައެއް އިންސައްތަކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން ދޫކުރައްވާނީ ފަސްސަތޭކަހާސް ރުފިޔާއެވެ. ކޯޕަރޭޓިވްސް ނުވަތަ ގިނަ ބަޔަކު ޙިއްޞާވާ ވިޔަފާރިތަކަށް ދޫކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، ގިނަވެގެން އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާއެވެ.އެސްއެމްއީ ލޯނަކީ ޒުވާނުންނަށް ޚާއްޞަކޮށް، ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިޤްޠިޞާދީ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދަވާ ލޯން ސްކީމެކެވެ.