ދުނިޔޭގެ ވިޔަފާރި

ތައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


ތައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރު ވެއްޖެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖަނަވަރީން ފެށިގެން އޮގަސްޓް 17 ގެ ނިޔަލަށް 3.78 މިލިއަން ފަތުރުވެރިން ތައިލެންޑަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ތައިލެންޑަށް މައިގަނޑު ގޮތެއްގައި ފަތުރުވެރިން އައިސްފައިވަނީ ސިންގަޕޫރު، މެލޭޝިއާ، އިންޑިއާއިންނެވެ. މި މުއްދަތުގައި ފަތުރުވެރިކަމުން 4.93 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

އިންޑިއާ، ޗައިނާ އަދި ސައުދީ އަރަބިއްޔާއަށް އެތެރެވާ ފަރާތްތަކަށް މިހާރު ދެމުން އަންނަ 15 ދުވަހުގެ އޮން އެރައިވަލް ވިސާ އަންނަ އޮކްޓޫބަރު މަހުން ފެށިގެން 30 ދުވަހަށް އިތުރުކުރުމަށްވަނީ ނިންމާފައެވެ. މި ފިޔަވަޅަކީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ހީނަރުކަމުން އަރައިގަނެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ތައިލެންޑަށް އައި ބިދޭސީންގެ އަދަދު ވަނީ 428،000 އަށް ދަށްވެފައެވެ. 2019 ވަނަ އަހަރު މިއަދަދު ހުރީ ގާތްގަނޑަކަށް 40 މިލިއަންގައެވެ. މިއީ ޖީޑީޕީގެ ގާތްގަނޑަކަށް %12 އެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލެންޑަށް މިއަހަރު 8 މިލިއަނާއި 10 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ކުރިން ލަފާކުރި 7 މިލިއަނަށް ވުރެ މަތީ އަދަދެއް ކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ބުނެއެވެ.