އެމްޑީޕީގައި ޚިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ކޮންގްރެސްގައި، އެޕާޓިގެ މެންބަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މީގެ 17 އަހަރުކުރިން އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރި ކޮންމެ މީހަކުވެސް ދެކޭގޮތުގައި މިއީ އެމީހުން އުފެއްދި އެމީހުންގެ ޕާޓީކަމަށާ، އެޕާޓިއަށްވުރެ ވަކިބޮޑު ސިޔާސީ މިލްކިއްޔާތެއް ދިވެހިން އުފައްދާ ، ދިރުވައި އާލާކޮށް ދަމަހައްޓާފައި ނެތްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަކަމާއި، ޙައްގުތަށް ލިއްބައިދިނުމަށް ރޯކުރި ޑިމޮކްރަސީގެ ދަންމަރުކަމަށް ސިފަކުރެއްވިއެވެ. ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާއި ވައިގެ ސަބަބުން މިދަންމަރު ކަނިވެ، ނިވުނަ ނުދިނުމަށް އިލްތިމާސްކުރައްވައި ރައީސް ވިދާޅުވީ އެކަން އެހެން ވިޔަދިނުމަކީ އެމްޑީޕީގެ މެންބަރުންނަށް އޮތް އިޚްތިޔާރެއްވެސް ނޫންކަމަށެވެ. އެމްޑީޕީ އުފެދިގެންއައީ ޤަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަމަށާއި، އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އިވެމުންދިޔަ ރުއިމުގެ އަޑުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނެއްކަމަކީ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިޔުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން، ނުވަތަ ހީވާހީވުމަކުންވެސް މީހާގެ އަޖަލު، އޭނާގެ ދޮރުގާ ޓަކި ޖަހާފާނެ. އެކަމަށް ވަކި އިރެއް ހިނދެއް - މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް. ވަންނާކަށް ވަކިގެއެއް، ދައްކާކަށް ކޯޓުއަމުރެއް، ފުރިހަމަ ކުރާކަށް ޤާނޫނީ ޢިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ޙާލަތު އޮތްގޮތް. ނައްތާލަން ބޭނުންވީ މިދެންނެވި ބިރުވެރިކަން. ބޭއިންސާފާ ލާއިންސާނިއްޔަތާ އަނިޔާ. ހަމައެކަނި މިބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް – މިޕާޓީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ޙައްގުވާ ތަޢުރީފުގެ ކޮޅެއްނެތް." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެއް ތަނެއްގައި ހިފަހައްޓާ، ޖަމާކޮށް "ގުދަންކުރެވިފައިވާ" ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން، އެއީ އެމްޑީޕީ އުފެދުނު އެއް މަޤްސަދުކަމަށް ވިދާޅުވިއެވެ. ބޭސްފަރުވާއާ ފޮތް ފަންސުރަށް ސަލާންޖެހުން ނައްތާލުމަކީ އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުކަމަށާއި، ފުލުސް ކޯޓުނެތް، މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ރައްޔިތުންނަށް ހޯދައިދިނުމަކީވެސް އެޕާޓިން ގެންނަން ބޭނުންވި އެންމެ ބޮޑު އެއް ބަދަލުކަމަށެވެ.
އެމްޑީޕީއަށް 17 އަހަރު ވެފައިވާއިރު، އެޕާޓިއަށް އާދެވިފައި މިހާރު ތިބީ ކިހާ ހިސާބަކަށްތޯވެސް ރައީސް ސުވާލުކުރެއްވިއެވެ. ލައްކަ އުނދަގުލާ ދައްޗާ ތުރާލާއެކު، ގިނަ ކަންކަން ހާސިލްވިއިރު، އަދިވެސް ބޭނުންވި ކިތަންމެކަމެއް ނުކުރެވި އެބަހުރިކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ޤައުމަށް ގެންނަށް ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް އަދި ކުރަން އޮތް މަސައްކަތް ގިނަވެފާ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
"މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުގާ މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު މިހާރު އެދަނީ ކުރިއަށް. ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ސާފު ފެނާ ނަރުދަމާ ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު އެދަނީ ކުރިއަށް. ހިލޭ ޑިގްރީ އަށް ކިޔެވުމަށް މި ސަރުކާރުން ހޯދައިދިން ފުރުޞަތުގައި 14000 އަށް ވުރެ ގިނަ ދަރިވަރުން އެދަނީ ކިޔަވާ ނިންމަމުން. އަތޮޅުތެރެއަށް ހާއްސަ ކުރެވޭ ޓާޝަރީ 5 ހޮސްޕިޓަލް އެދަނީ ފުރިހަމަވަމުން. ދަތުރުފަތުރުގެ ހަލުވި ވިއުގައިން މުޅި ރާއްޖޭގެ ރަށްތައް އެދަނީ ގަތަމުން ގުޅެމުން. މިނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބިންގަލަކީ 2019 ޑިސެންބަރުގައި ޢަމަލުކުރަންފެށުނު ލާމަރުކަޒީ ޤާނޫނު." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް އަދި ހިތަށް އެރި ވާހަކަ އެއް ލިޔެ، ބުނެ ފާޅު ކުރުމުގެ މިނިވަންކަން ރާއްޖޭގާ މިހާރު އެބަ އޮތްކަމަށް ވިދާޅުވިއެވެ. އެކަމާ އެއްކޮޅު ބޭފުޅުން އަދި ދެކޮޅު ހެއްދެވި ބޭފުޅުންވެސް، މިހައްގުގެ ބޭނުން ހައްދެއް ނެތްމިންވަރަށް ކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމްޑީޕީ އުފެދުނު ދުވަހު، ދުނިޔެއަށް އުފަންވި ކުއްޖާ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތީޚާބުގައި އެބަ ވޯޓުލާނެކަމަށް ވިދާޅުވިއެވެ. އެޖީލުގެ ބޭނުންތަކާ އުއްމީދުތައް މީގެ 17 އަހަރު ކުރިޔާ ވަރަށް ތަފާތުކަމަށާއި، ކަންކަމުގާ ދެކޭގޮތް ބަދަލުވެއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ޖީލަށްޓަކާ މިދުވަސް ހޯދަން އެމްޑީޕީން އޭރުކުރި މަސައްކަތާ ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތުކަމަށެވެ. އެގޮތުން ސިޔާސަތުތައް ކަނޑައަޅާއިރު، އެކުދިންގެ ވިސްނުމާ ފިކުރާ އެއްކީލިވާންޖެހޭކަމަށާއި، ގައުމިއްޔަތުގެ ހުރިހާ ބަހާއެއް އެޖީލަށް ވާރުތަވާނެ ގޮތް ހަދަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ނުރައްކަލުން އެކުދިންނަށް މި ރާއްޖެ ސަލާމަތްކޮށްދޭން ޖެހޭކަމަށާއި، އެއީ ކުރިމަގުގާ މިޤައުމު ހިންގަން ތިބި ލީޑަރުންކަމަށް ރައީސް ސިފަކުރެއްވިއެވެ.
ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެކަމަށާއި، ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައްނަމަވެސް އަނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ޚިޔާލު ތަފާތުވުންތަކާ، ތަފާތު ޚިޔާލުތަކާއެކުގާ ކުރިޔަށް ދިޔުންކަމަށާއި، ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އެމްޑީޕީގެ މެންބަރުން އެކުވެގެން ދިއްލި ދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.