ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ޕްލޭއޮފުގެ ފުރަތަމަ ލެގު ފިއޮރެންޓީނާއިން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފިއޮރެންޓީނާއިން ކާމިޔާބުކުރީ ޓްވެންޓޭ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ވަރަށް ކުރީކޮޅު ފިއޮރެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި ފިއޮރެންޓީނާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭސްއެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި އާތާ ކަބްރާލް ވަނީ ލަނޑެއް ޖަހައި، ފިއޮރެންޓީނާގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި ޓްވެންޓޭއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗު 64 ވަނަ މިނެޓުގައި ޓްވެންޓޭއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވަކްލާވް ސާނީއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް، އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި މެޗުން ފިއޮރެންޓީނާ މޮޅުވިއިރު، މި ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގައި ޓްވެންޓޭގެ ދަނޑުގައެވެ.