ވިޔަފާރި

ބީއެމްއެލްގެ އިންޓްރެސްޓް ރޭޓްތައް ދަށްކުރަން ވިސްނަނީ!


ދިވެހިރާއްޖޭގެ ޤައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސްއަކީ ކޮންމެ ދިވެހި ރައްޔިތަކާ ގުޅިފައިވާ، ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުންނަށް އަދި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތް ފޯރުކޮށްދޭ ބޭންކެކެވެ.ބީ.އެމް.އެލްއިން މިވަނީ އެ ބޭންކްގެ އިންޓްރެސްޓް ރޭޓް ދަށްކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ހާމަކޮށްފައެވެ. މިއީ، ބޭންކުގެ ތާރީޚުގައިވެސް އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ވިސްނައި، މިކަން ތަންފީޒުކުރަން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.ބީ.އެމް.އެލްގެ ފަރާތުން މިކަން ހާމަކުރީ، ބޭންކްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އެންޑްރޫ ހީލީ ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. އޭނާ ވިދާޅުވީ، މިފަދަ ނިންމުމެއްގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ތިބި ޢާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޤަބޫލްފުޅު ކުރައްވާކަމަށެވެ.ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބެންކުގެ މާލީ ޙާލަތު ރަނގަޅުވެ، ފައިދާ ވެފައިވާކަން ފާހަގަކުރައްވައި، ހީލީ ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަކީ ބެންކުގެ ޒިންމާއެއްގެ ގޮތުގައި ބީ.އެމް.އެލްއިން އަބަދުވެސް ޤަބޫލްކުރާކަމަށެވެ. ފާއިތުވެދިޔަ އަހަރެކޭ އެއް ފަދައިން، މި އަހަރުވެސް 150 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިންވެސްޓްމެންޓެއް ކުރުމަކީ ބީ.އެމް.އެލްގެ އުންމީދެކެވެ. ރާއްޖޭގެ 19 އަތޮޅެއްގައި ބޭންކުގެ 27 ބްރާންޗެއް މިހާރު ހުޅުވާފައިވާއިރު، ބީ.އެމް.އެލްއިން މިވަގުތު މަސައްކަތް ކުރަމުންދަނީ މިހާރު އެ ބޭންކްގެ ބްރާންޗެއް މިހާތަނަށް ނެތް ހަމައެކަނި އަތޮޅުކަމުގައިވާ ވ. އަތޮޅުގައި އެ ބެންކުގެ ބްރާންޗެއް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންނެވެ.ބީ.އެމް.އެލްއިން މި ވަގުތު 260 ހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. 27 ބްރާންޗް، 75 އޭޓީއެމް، 3100 ޕީއީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 10 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.