ކުޅިވަރު

ޕްލޭއޮފުގެ ފުރަތަމަ ލެގު ވެސްޓް ހޭމުން ކާމިޔާބުކޮށްފި


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ކޮލިފައިން ޕްލޭއޮފުގެ ފުރަތަމަ ލެގު ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ވެސްޓް ހޭމުން ކާމިޔާބުކުރީ ވައިބޯގް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ވެސްޓް ހޭމުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިއާންލޫކާ ސްކަމަކާއެވެ. މިއީ މި ސީޒަނަށް ވެސްޓް ހޭމާ އަލަށް ގުޅުނު ސްކަމަކާ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ވެސްޓް ހޭމުގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރޮޑް ބޮވެންއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ވައިބޯގްއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭކޮބް ބޮންޑައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި މިކައިލް އެންޓޯނިއޯ ވަނީ ލަނޑެއް ޖަހައި، ވެސްޓް ހޭމަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ވެސްޓް ހޭމް މޮޅުވިއިރު، މި ދެ ޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު އަންނަ ހަފުތާގައި ކުޅުމަށް ހަމަޖެހިފައިވަނީ ވައިބޯގުގެ ދަނޑުގައެވެ.