ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ކޮންމެ މަސައްކަތްޕުޅެއް ފެށްޓެވީ ރައްޔިތުންނާ ހަމައިންނެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި ރާއްޖޭގެ ކޮންމެރަށަކަށް ވަޑައިގެން ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށުގައި ހުރި ދަތިތަކާއިި ރައްޔިތުން ބޭނުންވާ ކަންކަން ގާތުން ބެއްލެވިއެވެ.
އެމަނިކިފާނުގެ ވެރިކަމުގެ ވޭތުވެދިޔަ 4 އަހަރަކީ އެ ދަތުރުތަކުގައި ރައްޔިތުން އެދުނު އެތަށްކަމެއް، ޙަޤީގަތަކަށް ހައްދަވައިދެއްވި 4 އަހަރެވެ. އެތައް މަޝްރޫޢުއެއްގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާ ވަނީ މިއަދު ލިބެން ފަށާފައެވެ. ގިނަ މަޝްރުޢުތަކެއްގެ ޢަމަލީ މަސައްކަތްތައް ފަށައިގެން އަންނަނީ ހިންގަމުންނެވެ.
ރައީސްގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑު މިނަކަށް ބެއްލެވުމެއްނެތި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެރަށަކަށް ހަމަހަމަކަމާއެކު ޚިދުމަތް ދެއްވުމެވެ. އެކަމަށް ވަކާލުތުކުރައްވައި ކުރައްވަމުންދާ މަސައްކަތްޕުޅު ފެންނަމުން އާދެއެވެ.
ރަށްރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކުގެ ތެރެއިން ކަނޑުގަދަވެއްޖެނަމަ ބައެއް ރަށްރަށަށް އަރައި ފޭބޭނެ ގޮތެއް ނެތި ރަށު ބަންދުގައި އެތަށް ރަށެއްގެ ރައްޔިތުން ތިއްބެވެ. މި ވެރިކަން ފެށުނުއިރުވެސް ޙާލަތު އޮތީ މިހެންނެވެ.
ނަރުދަމާ ނިޒާމު ނެތި، މަގުތަކަށް ނަޖިސް ބޭރުވެ ފެންފަށަލަ ތަޣައްޔަރުވެ އެކަމަށް ޙައްލު ބޭނުންވެފައި އޮތް އެތަށްރަށެއް އޮތެވެ. އެންމެއަސާސީ ޚިދުމަތްތަކުގެ ގޮތުގައި މިކަންކަން ދެކެވަޑައިގެން ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙް މަސައްކަތް ފެށްޓެވިއެވެ.
ށ. ފޭދޫ ކައުންސިލާ ބައްދަލުކޮށް، ރައްޔިތުންގެ ބޭނުންތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބުމަކީ ލިބޭ އުފަލެއް. ފޭދޫގެ ތަރައްޤީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރަން. އިރާދަކުރެއްވިއްޔާ، ވަޢުދާ އެއްގޮތަށް މަޝްރޫޢުތައް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ. https://t.co/UNKUWvDyfE
— Ibrahim Mohamed Solih (@ibusolih) August 18, 2022
ދުވަހަކުވެސް ބަނދަރެއް ތަރައްޤީ ކޮށްފައިނުވާ އެތައް ރަށެއް އެތެވެ. ވެރިކަމުގެ މިދައުރު ނިމޭއިރު، ރާއްޖޭގައި އެކަށީގެންވާ ބަނދަރެއް ނެތް އެއްވެސް ރަށެއް ނޯންނާނެވެ. މި އަމާޒަށް ވާސިލްވުމަށް، މިހާރު ބަނދަރެއް ނެތް ރަށްރަށުގައި ބަނދަރު ތަރައްޤީކުރެއްވުމާއި، އަދި ބަނދަރުތައް ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ރަށެއް މިހާރު މަދުވާނެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
މި ވެރިކަން ފެށުނުއިރު ރާއްޖޭގައި ފެނުގެ ނިޒާމު ޤާއިމުކޮށްފައި އޮތީ 37 ރަށުގައެވެ. ނަރުދަމާ ނިޒާމު ނިމިފައި އޮތީ 69 ރަށުގައެވެ. އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ވެރިކަމަށް ވަޑައިގަތްފަހުން، 2021ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ، ރާއްޖޭގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އޭގެ ޢަމަލީ މަސައްކަތްތައް ގިނަ ރަށްތަކެއްގައި އަންނަނީ ފަށައިގެން ހިންގަމުންނެވެ.
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމުގެ ބިޔަ ބޮޑު މަޝްރޫޢު މިހާރުވަނީ ފަށްޓަވާފައެވެ. ރާއްޖޭގެ 4 ރަށެއްގެ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިވަގުތުވެސް ކުރިއަށްދެއެވެ. އަދި އިތުރު 6 އެއަރޕޯޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.
ރަށްރަށުގެ ޢާންމުޙާލަތު ގާތުން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ ދަނީ އަތޮޅުތަކުގެ ރަށްތަކަށްވެސް ސިލްސިލާ ދަތުރުފުޅުތައް ކުރައްވަމުންނެވެ. މި ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީވެސް، ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލުކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަތުމެވެ.
ވެރިިކަމުގައި އެންމެ ގިނަ ކައުންސިލްތަކާ ބައްދަލުކުރެއްވި ރައީސްއަކީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ ށ.އަތޮޅު ފޭދޫ ކައުންސިލާ ބައްދަލުކުރައްވާފައެވެ. ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ މެދު މަޝްވަރާކުރުމުގެ ފުރުޞަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް ކައުންސިލްތަކުން ބަލައިގަންނާތީ އުފާކުރައްވާކަމަށެވެ. އަދި ސަރުކާރުގެ ވަޢުދާ އެއްގޮތަށް، މަޝްރޫޢުތައް ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވެރިކަމުގެ މި ދަޢުރު އައިއިރު، ށ.ފޭދައަކީވެސް އެތަށް ޚިދުމަތެއް ބޭނުންވެ، ނުލިބިވާ ރަށެކެވެ. ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ފޭދޫ ކައުންސިލްގެ ރައީސް އަޙުމަދު ރައިސަމް ވިދާޅުވީ، 2018ވަނަ އަހަރުގެ ކެމްޕެއިންގައި ރަށުގެ ރައްޔިތުންނަށް ވީ ހުރިހާ ވަޢުދެއް މިއަދު ފުއްދަމުން އަންނަކަމަށެވެ.
"ފުޓުބޯޅަ ދަނޑު، ސްކޫލް، ބަނދަރު، އިންޖީނުގެ އަދި ނަރުދަމާގެ މަސައްކަތްތައް ދަނީ ކުރިއަށް. ބައެއް މަސައްކަތް ހުރީ ނިމުމާ ގާތްވެފަ. ވަރަށް އުފާކުރަން، ރައްޔިތުންގެ ނަމުގައި ރައީސްއަށް ޝުކުރު އަދާކުރަން. ރަނުން ރަނަށް ވަޢުދުތައް ދަނީ ފުއްދަމުން." ރައިސަމް ވިދާޅުވިއެވެ.
ރައީސް ވަނީ މިހާރު ފަށާފައިވާ މަޝްރޫޢުތައްވެސް، ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ބަދަލުތައް ގެންނަވަނެކަމަށް ވިދާޅުވެގައެވެ.
ފޭދޫއަކީ އާބާދީގައި 1295 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރާއްޖޭގައި ވަރަށް ކުދިކުދި އާބާދީ ދިރިއުޅެމުން އަންނަ ރަށްތަށްވެސް އެބަހުއްޓެވެ. އެމީހުންނަށް އެމީހުންގެ އުފަން ރަށުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކުރުމަށް، އަސާސީ ހުރިހާ ޚިދުމަތްތައް ހަމަހަމަކަމާއެކު އަންނަނީ ފޯރުކޮށްދެމުންނެވެ.
މިގެއިތުރަށްވެސް ރަށްރަށުގައި ބޯހިޔާވަހިކަމަށް ހިންގަމުން އަންނަ މަޝްރޫޢުތަކާއި، ބޭސްފަރުވާއަށް މާލެއަށް ބަރޯސާވާވުން ކުޑަކުރުމަށް އަތޮޅުތަކުގެ ސިއްޙީ ނިޒާމު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ.