ކުޅިވަރު

ޕެނަލްޓީގައި ސަސް ބަލިކޮށް ވެލެންސިއާ ފައިނަލަށް


އެފްއޭ ކަޕް 2022 ގެ ސެމީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކުލަބު ވެލެންސިއާއިން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވެލެންސިއާ މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ސަސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުގެ އަޙްމަދު ހުސާމް ބޮލުން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ސަސްގެ މުޙައްމަދު ސަޚާއު ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެލެންސިއާއިންނެވެ. މި ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން (ޔާނު) ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

އޭގެ ފަހުން ސަސްގެ ކެޕްޓަން އަލީ ނަސޫހް ރަޝީދު (ޕިލާ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއިރު، ހިލޭ ޖެހުމަކުން އެ ޓީމުގެ މުޙައްމަދު ސާމިރު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ސަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސާމެވެ.

އެއާއެކު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން, ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ޖުމްލަ 16 ޕެނަލްޓީ ފެނިގެންދިޔައިރު، ސަސްގެ ހަތަރު ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފައެވެ. އަދި ވެލެންސިއާގެ ތިން ޕެނަލްޓީއެއް ނާކާމިޔާބުވިއިރު، މި މެޗުން އެ ޓީމު މޮޅުވީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކުއެވެ.

މި މޮޅާއެކު ވެލެންސިއާ ފައިނަލަށް ދަތުރުކުރިއިރު، ވެލެންސިއާއިން ވަނީ 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްގެން އެ ފަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.