ނަފްސާނީ ބަލިމަޑުކަމަކީ އޭގެސަބަބުން އާންމު ދިރިއުޅުމަށް ވަރަށްބޮޑު އަސަރެއްކުރާކަމެކެވެ. މިއީ ދިރިއުޅުމުގެ އާންމު ޙާލަތު ބަދަލުވެ އުނދަގޫތަކެއް ތަޙައްމަލުކުރަންޖެހޭ ބަލިމަޑުކަމެކެވެ.
މި ބަލިމަޑުކަމުގެ ސީދާ އަސަރު ޤައުމުގެ އުފެއްދުންތެރިކަމަށް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކޯވިޑް-19އަށްފަހު މުޅި ދުނިޔެއަށްވެސް އަންނާނެކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާކޮށްފައިވާ ނަފްސާނީ ބަލިމަޑުކަމުގެ ޙާލަތާ ދެކޮޅަށް ޤައުމުތަކުން މިހާރު މިވަނީ ތެދުވަން ފަށާފައެވެ.
މިދާއިރާއިން ބަލާއިރު ރާއްޖޭގައި ޒަމާނުއްސުރެ އޮތް އެންމެބޮޑު ގޮންޖެހުމަކީ މުޖުތަމަޢުތެރޭގައި ނަފްސާނީ ބައްޔާމެދު ދެކޭގޮތެވެ. ގިނަ ފަހަރަށް ނަފްސާނީ ބައްޔެއްހުރި މީހެއްގެ ކިބައިން ފެންނަ ޢަލާމަތްތަކަކީ ބައްޔެއްގެ ސަބަބުން ފެންނަކަމަށްވުރެ ބޮޑަށް އެއީ އެމީހާގެ މިޒާޖާއި އީމާންތެރިކަމަކާއި ގުޅިފައި އޮތްކަމެއްކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. ރާއްޖޭގެ ސިއްޙީ ނިޒާމުގައިވެސް މިބައްޔާއިމެދު ދާދިފަހަކާ ޖެހެންދެން މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށް މިފަދަ ބަލިތައް ތަޙައްމަލުކުރާ މީހުން ދެކެއެވެ. ނަތީޖާއެއްގެ ގޮތުން ޒަމާންތަކެއްވަންދެން މިފަދަ ބަލިތަކުގައި ފަރުވާއެއްނެތި ތިބި އެތައް ބަޔަކަށް ކުރިމަތިވީ އެންމެ ބޮޑު ހިތްދަތިކަމަކީ ކޯވިޑް-19އާއެކު ޢިއުލާންކުރި ފުރަބަންދެވެ. މިއާއެކު ނަފްސާނީ ބަލީގެ ޢަލާމަތްތައް ހުރިމީހުންގެ ޢަލާމަތްތައް އިތުރަށް ގޯސްވެ ޢާއްމު ޙާލަތުގައި ތިބި މީހުންނަށް މިބައްޔާއި ކުރިމަތިލާންޖެހުނެވެ. އޭގެ ސަބަބުން ރާއްޖެއާއި މުޅި ދުނިޔޭގައިވެސް ނަފްސާނީ ބަލިމަޑުކަން ވަނީ ބޮޑު ބިރުވެރިކަމަކަށްވެފައެވެ.
މިނުރައްކަލުން ސަލާމަތްވުމަށް ރާއްޖޭގެ ސިއްޙީ ދާއިރާ މިހާރުވަނީ ތެދުވެފައެވެ. މިވޭތުވެދިޔަ 3 އަހަރަކީ ރާއްޖޭގެ ސިއްޙީ ދާއިރާގައި ހަވާސާކުރެވިފައިއޮތް ނަފްސާނީ ބައްޔާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރި ތިން އަހަރެވެ. މިހާރު ރާއްޖޭގައި ނަފްސާނީ ބައްޔަށް ޚާއްސަ މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކޮށްފައިވެއެވެ. ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭނެ ވޯޑެއްވެސް އައިޖީއެމްއެޗްގައިވަނީ ޤާއިމުކޮށްފައެވެ. މިއާއެކު ސަރުކާރުގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި ނަފްސާނީ ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ އުސޫލެއް ކަނޑައަޅައި ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ކޮންމެތަނަކުންވެސް ނަފްސާނީ ބަލި ދެނެގަނެވި އެކަމަށް ފިޔަވަޅު އެޅޭނެހެން މީހުން ބިނާކުރުމެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާޙް މާހިރު ވިދާޅުވީ ނަފްސާނީ ބައްޔަކީ އެހެން ބަލިތަކެކޭވެސް އެއްފަދައިން އެކި މީހުންނަށް އެކި މިންވަރަށް ފަރުވާ ބޭނުންވާ ބައެއްޔެކަމަށެވެ. އެހެންކަމުން މާލޭގައި ހުރި ޚިދުމަތްދޭ ތަންތަނަށްއޮތް ލޯޑު ކުޑަކުރުމަށް ޓްރައޭޖް އުސޫލުން ޚިދުމަތް ރާވާލަންޖެހޭކަމަށެވެ. އެކަމަށް އިތުރު މުވައްޒަފުން ތަމްރީންކުރަންޖެހޭކަން ޑރ.ޝާހް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުން ނަފްސާނީ ބައްޔަށް އެކަށީގެންވާ ގޮތުގައި ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޑރ.ޝާހް ވިދާޅުވިއެވެ. މިކަމުގައި ގިނަ ދަތިތައް ހުރިކަން ފާހަގަކުރައްވައި ޑރ.ޝާހް ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޚިދުމަތް ފަށައިގަތުމަށް، މިކަމަށް ތަމްރީނުވެފައިވާ މީހުން ހޯދަމުން އަންނަކަމަށެވެ. ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އެންމެ ބޮޑަށް އޮތީ ކޮން ސަރަޙައްދެއްގައިކަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ހުރި މައްސަކަތަކުިގެ ތެރޭގައި ބޭނުންވާ ބަޖެޓްގެ ދަތިކަން ޑރ.ޝާހް ފާހަގަކުރެއްވިއެވެ. އެހެންކަމުން މުޅި ސިއްޙީ ދާއިރާގެ މުސާރާ މުރާޖާކުރުމުގެ މުހިންމުކަން ޑރ.ޝާހް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މުޅި ސިއްޙީ ނިޒާމުގައި ޚާއްސަކޮށް ނަފްސާނީ ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދާއިރާއަށް އިސްލާޙީ ބޮޑު ބަދަލެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.