ވިޔަފާރި

އޮތެންޓިކް ފިހާރައިން ހުޅުވައިދިން ފުރުސަތާމެދު ވިޔަފާރިވެރިން ހިތްހަމަޖެހިފައި!


އޮތެންޓިކް މޯލްޑިވްސްއަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީ.ސީ.ސީ.އިން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2020ވަނަ އަހަރުއެވެ.

މިއަދު އޮތެންޓިކްގެ ފިހާރަތައް ވެފައިވަނީ ދިވެހި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިދޭ މަގަކަށެވެ.

އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 180 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ.

އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ފަރާތްތަކުން ތިބީ ވަރަށް ބޮޑަށްވެސް އެ ފިހާރައިން އެމީހުންނަށް ހޯދައިދޭ ފުރުސަތުތަކާއިމެދު ހިތްހަމަޖެހިފައެވެ. ލަނާލާ އަދި ކުޅެމާގެ ފަރާތުން ބުނެފައިވަނީ މިއީ ރަނގަޅު އިނީޝިއޭޓިވްއެއްކަމަށެވެ. އަދި މި ފިހަރަތަކުގެ ސަބަބުން ދިވެހި އާއިލާތަކަށް ވަރަށް ފައިދާ ކޮށްފިކަމަށާއި މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަމަށެވެ.

"އެއްތަނަކުން ބޮޑު އޯޑިއަންސްއަކަށް ދައްކާލުމުގެ ފުރުސަތު ހުޅުވާފައި އޮތީތީ އެއީ ވަރަށް ރަނގަޅު ކަމެއް. ކޮންމެ މަހެއްގެ އާމްދަނީ އިތުރުވަމުން ދަނީ. އުފެއްދުންތެރޮކަން ރިސޯޓްތަކަށް އޮތެންޓިކްގެ ފިހަރަތަކަށް ހުޅުވަމުން ދިއުމުން ލިބޭ ކުރިއެރުން ފާހަގަކުރަން." ލަނާލާ އަދި ކުޅޭމާއިން ބުންޏެވެ.

އޮތެންޓިން މޯލްޑިވްސްގެ ސަބަބުން ދިވެހިންގެ ގަދީމީ އަތްތެރި މަސައްކަތުގެ ޑިޒައިންތައްވެސް އެހެން މީހުން ފޯރުކޮށްދެވޭކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. އޮތެންޓިކް މޯލްޑިވްސްއިން އަންނަނީ ގޭތެރޭގައި މަސައްކަތް ކުރާ އަންހެން ވިޔަފާރިވެރިންނަށްވެސް ރަނގަޅު ފުރުސަތުތަކެއް ހޯދައިދެމުންނެވެ. ވިލީ ކަލެކްޝަންއިން ބުނެފައިވަނީ ފިހާރައެއް ނެތް ފަރާތްތަކަށްވެސް ތަކެތި ވިއްކުމަށް އޮތެންޓިކުން ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭކަމަށެވެ.

"އޮތެންޓިކް މޯލްޑިވްސްއަކީ ގޭގައި މަސައްކަތްކުރާ ފިހާރައެއް ނުހުންނަ ފަރާތްތަކަށްވެސް ގިނަ ފުރުސަތުތައް ހުޅުވާލަދޭ. ތަކެތި ފިހަރައަށް ލައިފައި ވިއްކާލަން އޮތެންޓިކުން ހުޅުވާލަދެނީ ރަނގަޅު ފުރުސަތެއް." ވިލީ ކަލެކްޝަނުން ބުނެއެވެ.

ބީ.ސީ.ސީ.އިން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 180 އަށްވުރެ ގިނަ ސަޕްލަޔަރުން ތަކެތި ވިއްކާކަމަށެވެ. އަދި އެ ފިހަރަ މެދުވެރިކޮށް މިހާތަނަށް 28 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވިޔަފާރިވެރިންނަށް ދޫކޮށްފައިވާކަމަށް ބީ.ސީ.ސީ.އިން ވިދާޅުވެއެވެ.

ބީ.ސީ.ސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރަނގަޅު މާކެޓެއް ހޯދައި ދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ. އޮތެންޓިކުން މަސައްކަތް ކުރަމުންދަނީ އެ ފިހާރައިގެ އައުޓްލެޓެއް ތައިލޭންޑާއި ޖަޕާނުގައި ހުޅުވުމުމަށެވެ.