ސިއްހަތު

ޒިކާ ވައިރަސް އާއި ގުޅިގެން އެކި މުއައްސަސާތަކާއި މަޝްވަރާކޮށްފި


ރާއްޖޭގައި ޒިކާ ވައިރަސް ފެތުރުނަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާބެހޭގޮތުން ކަމާ ގުޅުން ހުރި ބޭފުޅުންނާއި އެކު ހެލްތް މިނިސްޓްރީން ބައްދަލުކުރައްވައިފިއެވެ.މިއަދު ހެލްތް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއިން ޒިކާ ވައިރަސް އާއި ގުޅިގެން އެކި މުއައްސަސާތަކުން އަޅާނެ ފިޔަވަޅުތަކާއި އެކުގައި މަސައްކަތްކުރާނެ ގޮތަކާއި ބެހޭގޮތުން މަސްވަރާ ކުރުން ކަމުގައި ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި މާލޭ ސިޓީގެ ހޮސްޕިޓަލްތަކުގެ ބޭފުޅުންގެ އިތުރުން ކަމާގުޅުން ހުރި ގިނަ މުއައްސަސާތަކަކުގެ ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ޒިކާ ވައިރަސް ރޯގާއަކީ "ޕަބްލިކް ހެލްތް އިމަރޖެންސީ ފޯރ އެމަރޖެންސީ ކޮންސަރން" އެއްކަމަށް ކަނޑައަޅާފައެވެ. އަދި މި ބަލި ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރެއްވުމަށް ޑަބްލިއު.އެޗް.އޯއިން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ޒިކާ ވައިރަސް ފެތުރޭ ޤައުމުތަކަށް ދަތުރުނުކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ލަފާދީފައެއް ނުވެއެވެ.