ޚަބަރު

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރަނީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގުރާމުގެ ހަތްވަނަ ސެޝަން ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި، ބޭއްވި މިސެޝަންގެ މައުޟޫއަކީ "ވެލްނަސް އެންޑް ވޯކް ލައިފް ބެލެންސް"އެވެ.

މިސެޝަންގައި މަސައްކަތުގެ މާޙައުލާއި، އަމިއްލަ ދިރިއުޅުމުގައި ދުޅަހެޔޮކޮށް ވިސްނުން ގެންގުޅެންވީ ގޮތްތަކާއި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިދާނެ ގޮތްތަކާއި، މަސައްކަތުގެ މާޙައުލުގައާއި، އަމިއްލަ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެގޮތާއި، މިފަދަ ކަންކަމުން އަރައިގަތުމުގައިކަން ކުރަންވީގޮތުގެ މައްޗަށް މި ސެޝަންގައިވަނީ މަޢުލޫމާތު ދެއްވާފައެވެ.


މިސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ވެލްނަސް އަދި ކައުންސިލިންގ ދާއިރާއިން މީހުން ތަމްރީނުކުރުމާއި ކޯޗުކޮށްދެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޙައްވާ ލީޝާއާއި، މަރިޔަމް މުޙައްމަދެވެ.

މި ސެޝަންގައި ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ މިޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިފުތިތާހު ކުރެއްވި ޕްރޮގުރާމެކެވެ.

މިޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.