ޚަބަރު

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފަށަނީ


ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދޭތީ އެ އެއްބަސްވުން ބާތިލުކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސް ކޮށްފިއެވެ.

ވިލިމާލޭއަކީ މީހުން އާބާދުވީއްސުރެ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ރަށެކެވެ. އެރަށުގައި މުޅިންވެސް ބޭނުންކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން 2014 ވަނަ އަހަރު ވަނީ "ނައިންޓީ ނައިން ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏަކަށް މި މަސައްކަތް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އެ ކުންފުނީގެ ދަށުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދެމުން އަންނައިރު އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ދެމުންނުދާ ކަމަށެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް އެ ކައުންސިލަށް ލިބެމުން އަންނަކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

"އަޅުގަނޑުމެން އެގްރީމަންޓުގަ ހުރި މާއްދާތައް ޗެކްކުރިއިރު ޚިދުމަތް ނުދީ އެބަހުރި. އެހެންވީމަ ޤާނޫނީ އިމުގެ ތެރެއިން އެގްރީމަންޓް ބާތިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އަޅުގަނޑުމެންގެ ޑީޓެއިލް ޑިޕާޓްމަންޓާއި މިހާރުވާނީ ހަވާލުކޮށްފައި." މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މިކަމަށް ހައްލެއްގެ ގެނައުމުގެ ގޮތުން ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މަނާކޮށްފައި އޮންނަ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ވިލިމާލެއިންވަނީ މީގެކުރިން ދެ ބިން ހަވާލުކޮށްފައެވެ. އެއީ ޓިކެޓް ވިއްކާ ޓާމިނަލެއް ހެދުމުގެ އިތުރުން ވެހިކަލްތައް ޕާކުކުރުމަށް ހަވާލުކޮށްފައިވާ ބިމެވެ. އެހެންނަމަވެސް ބަގީގެ ޚިދުމަތަށް މިބިންތައް ބޭނުންކޮށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ބަގީގެ ޚިދުމަތް ފޯރުކޮށްދީފައިނުވާކަން މާލެ ސިޓ ކައުންސިލުން ފާހަގަކުރެއެވެ.

އެއްބަސްވުމާއި ޚިލާފުވެއްޖެ ނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. އެހެންކަމުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭ ފަރާތްތަކުން އެއްބަސްވުމާ ޚިލާފުވެފައިވާތީ އެއެއްބަސްވުން ބާޠިލްކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަދި އެއްބަސްވުން ބާތިލުކޮށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެތަނުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ކައުންސިލްގެ އެހެން މެންބަރުން ވެސް ސޮއިކުރައްވާފައިވާ ކަމަށް ސިޓި ކައުންސިލުން މަޢުލޫމާތުދެއެވެ.