ވިޔަފާރި

އެން މަރުވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ


ދެމެހެއްޓެނިވި ގޮތުގައި ދިރޭއެން ބޭނުންކުރުމަށް މަގުފަހިކުރުމާއި އެން މަރުވާ މިންވަރު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ. މިއީ އެންވަތުގައި އެން މަރުވާ މިންވަރު މަދުކުރުމަށް އަދި ގިނަ ދުވަހު ވަތުގައި އެން ދިރުވާފައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ.

މި ދިރާސާ ކުރިއަށްގެންދަނީ ފިޝަރީޒް މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ހިންގޭ ބައެއްގެ ގޮތުގައެވެ. ދިރާސާގައި ދިވެހިރާއްޖޭގައި ދިރޭއެން ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ އެންވަތުގައި އެން ގެންގުޅޭ ގޮތުގެ މައުލޫމާތު އެއްކުރާނެއެވެ. އަދި ޖަޕާނުގެ ފަންނީ މާހިރުންގެ ލަފައާއެކު މިހާރު ބޭނުންކުރާ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެންވަތުގައި އެންދިރުވާފައި ބެހެއްޓޭ މުއްދަތު އިތުރުކުރުމަށް ތަހުލީލުތަކެއް ކުރެވޭނެއެވެ. މި ދިރާސާއަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރުންނެވެ.

މި ދިރާސާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އާއްމުކޮށް ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރާ މަދުވެގެން 2 އެންވަތް ހުންނަ 90 ފޫޓަށްވުރެ ދިގު އުޅަނދެއްގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެން ގެންގުޅޭގޮތުގެ މައުލޫމާތު އެއްކުރާނީ ދެކުނުގައި ދިރޭއެން ބޭނުންކޮށްގެން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ދަތުރުކޮށް މަސްވެރިކަމުގައި ބައިވެރިވެގެންނެވެ. އަދި އެންވަތަށް ގެންނަ ބަދަލުތައް ގެނެވޭނީ މިއެއްކުރެވޭ މައުލޫމާތު ތަކަށާއި ޖަޕާނުގައި އެންވަތް ޑިޒައިންކޮށްފައި ހުންނަގޮތާ އަޅާކިއުމަށްފަހު ޖައިކާގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިންނެވެ.

މި ދިރާސާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ އެކަމަށް ޝަރުތުހަމަވާ ދޯންޏެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ޝަރުތުހަމަވާ ދޯނިތަކަށް މިހާރު މިކަމަށް އެދުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ދޯނިތަކުން މިކަމަށް އެދި ހުށައަޅާއިރު ފާއިތުވި އެއް އަހަރު (1 ޖުލައި 2021 ން 1 ޖުލައި 2022) މަސްކިރާފައިވާ ރަސީދުތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ.

ޝަރުތުތައް ފުރިހަމަވާ ދޯނިފަހަރު ގިނަނަމަ 1 ދޯނި ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިކަމާގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7771142 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.