ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ދެވަނަ ގައުމީ ރިކޯޑު މުގުރާލައިފިއެވެ.
ފިރިހެން ރިލޭ ޓީމުން އެންމެ ފުރަތަމަ ހަދާފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް ހަތަަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ އެ ރެކޯޑް މި މަހުގެ 14 ވަނަ ދުވަހު ފިރިހެން ޓީމުން މުގުރާލިއިރު، އޭގެ ދެ ދުވަސް ފަހުން ގައުމީ ޓީމުން ބުދަ ދުވަހުގެރޭ ވަނީ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭގެ ގައުމީ ރިކޯޑު މުގުރާލާފައެވެ.
ސޮލިޑާރިޓީ ގޭމްްސްގައި ވާދަކުރާ ގައުމީ ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ އަބްދުﷲ ނާވީ އަޙްމަދާއި، އިބްރާހީމް މައިޝަން ޝަމީމާއި، އަލީ އިމްއާން އަދި ހުސެއިން ހާއިޝް ހަސަނެވެ.
ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓް، ފިރިހެން ޓީމުން ނިންމީ ހަތަރު މިނެޓު 38.75 ސިކުންތުންނެވެ. އެންމެ ފަހުން މި ރެކޯޑް އޮތީ 2018 ވަަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ފިރިހެން ރިލޭ ޓީމު އަތުގައެވެ.
ސޮލިޑާރިޓީ ގޭމްސްގައި ރިލޭ ޓީމުގެ ދެ ރެކޯޑުގެ އިތުރުން ދެން ގައުމީ ރެކޯޑެއް ހެދީ އުމުރުން 13 އަހަރުގެ ފެތުންތެރިޔާ މިރާލް އައިން ލަތީފެވެ. އެގޮތުން މިރާލް ވަނީ 18 އަހަރުވީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލައިފައެވެ.