ކުޅިވަރު

ސާބާ މުބާރާތުގެ ކުރިން އަންހެން ޓީމު ތަމްރީނުތަކަށް ތައިލެންޑަށް


އަންނަ މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު އިތުރު ތަމްރީނުތަކަށް ތައިލެންޑަށް ފުރައިފިއެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ މިދިޔަ މަހުގެ 17 އިން 31 އަށް އިންޑިއާގެ ބެންގަލޫރުގައިވެސް ތަމްރީނު ހަދާފައެވެ. އަދި މި ތަމްރީނު ދަތުރުގައި 18 އަހަރުން ދަށުގެ ޓީމުވެސް ބައިވެރިވެފައިވެއެވެ.

އިންޑިއާ ތަމްރީނު ދަތުރަށްފަހު ގައުމީ ޓީމު ވަނީ އަންގާރަ ދުވަހު އިތުރު ތަމްރީނަށް ތައިލެންޑަށް ފުރާފައެވެ. އަދި މި ތަމްރީނު ދަތުރުގައި ގައުމީ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ދަތުރާއި ގުޅޭގޮތުން ގައުމީ އަންހެން ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ މިހާރު ގައުމީ ޓީމުން މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، މިހާރު ކުރަމުންދާ ކަމަކީ ކުރިއަށް އޮތް މުބާރާތަށް ގޭމް ޕްލޭންތައް ތައްޔާރުކުރުން ކަމަށެވެ.

ސާބާ މުބާރާތް ރާއްޖޭގައި ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 އިން 30 ގެ ނިޔަލަށެވެ.