ޚަބަރު

ފަޅު ރަށެއްގައި ތާށިވެފައިވާ 38 މީހުން ސަލާމަތްކޮށްފި


ގްރީސްއާއި ތުރުކީ ވިލާތް ގުޅޭ ސަރަޙައްދުގައި އޮންނަ ފަޅުރަށެއްގައި ތާށިވެފައިވާ 38 މީހުން ސަލާމަތްކޮށްފިއެވެ.

އެވްރޯސް ކޯރުގައި އޮންނަ މި ފަޅުރަށުން ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 22 ފިރިހެނުންނާއި، ނުވަ އަންހެނުންނާއި، ހަތް ކުޑަކުދިންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނެއް ވެސް ހިމެނެއެވެ. އެއީ، ސޫރިޔާގެ ރެފިޔުޖީން ކަމަށް ގްރީސްއިން ބުނެއެވެ. އަދި، އެ މީހުން ފަޅުރަށުގައި ތާށިވެފައި ވަނީ ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ. އެ މީހުން ފުރާފައި ވަނީ ތުރުކީ ވިލާތުންނެވެ. މި އެންމެން ވެސް މިހާރު ވަނީ ގްރީސްއަށް ގެންގޮސްފައެވެ.

ސަލާމަތް ކޮށްފައިވާ އެންމެންގެ ހާލު ރަނގަޅު ކަމަށާއި، މާބަނޑު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމުގައި ގްރީގެ ހިޖުރަކުރުމާ ބެހޭ ވަޒީރު ނޮޓިސް މިޓަރާޗީ ވިދާޅުވިއެވެ. ނަމަވެސް، ފަޅުރަށުގައި ތާށިވި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެފައިވާ ކަމަށާއި، ރެޑް ކްރެސެންޓްއާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަޅުރަށުގައި ބަޔަކު ތާށިވެފައިވާ ކަމުގެ މަޢުލޫމާތު ލިބުމުން ފުރަތަމަ ގްރީސްއާއި ތުރުކީ ވިލާތުން ވެސް މި ކަމާ އަޅައިލާފައެއް ނުވެއެވެ. އަދި، ދެ ޤައުމުން ވެސް ބުނަމުން ގޮސްފައި ވަނީ، އެ މީހުން ފެނިފައި ވަނީ އަނެއް ޤައުމުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށަކުން ކަމުގައެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް 232 މީހަކު ވަނީ ޤަދާޢިދާ ޚިލާފަށް ގްރީސްއަށް ހިޖުރަ ކޮށްފައެވެ. މި ގޮތަށް، އެތައް ހާސް ބަޔަކު ތުރުކީ ވިލާތު މަގުން ގްރީސްއަށް އެތެރެވާން މަސައްކަތް ކޮށްފައިވާ ކަމުގައި އިންސާނީ ހައްޤުތަކާ ބެހޭ ޖަމުޢިއްޔާތަކުން ބުނެއެވެ. އަދި، އޭގެ ތެރެއިން ގިނަ ބަޔަކު ގްރީސްއިން އަނބުރާ ފޮނުވައިލާ ކަމަށް ވެސް އެ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ގްރީސްއިން މި ކަން ދޮގު ކުރެއެވެ.