ޚަބަރު

ރާއްޖެއިން އިންޑިއާއަށް މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ކަނޑާލައިފި


ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި ނަގަމުން އައި ޑިއުޓީ ކަނޑާލައިފިއެވެ.

މި ޑިއުޓީ ކަނޑާލާފައިވަނީ ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ކަނޑާލާ، މަހުގެ އުފެއްދުންތަކަށް ހަމަ އަގުތަކެއް ހޯދައި ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް އައު މާކެޓްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދެއެވެ.

މިގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ އެއްކޮށް ކަނޑާލާފާފައިވަނީ މިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ނަގަމުން އައި ޑިއުޓީ ސަފްޓާގެ އެހީގައި ކަނޑާއެލުވުމަކީ ލިބުނު ކާމިޔާބީއެއްކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އިންޑިއާގައި މާކެޓްކޮށް ރަނގަޅު އާމްދަނީއެއް ހޯދުމަށް ފުރުޞަތު ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަފްޓާގެ ތެރެއިން މި ފުރުޞަތު މިލިބުނީ. މިއޮއްހާދުވަހު ސަފްޓޤގެ އެ ފުރުޞަތު އަޅުގަނޑުމެންނަށް އޮތީ ބޭނުން ނުކުރެވި. އެހެންކަމުން މި ދަތުރުފުޅު [އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅު]ގެ ތެރެއިން ފޯމިއުލައިޒް ވެގެން އެ ދިޔައީ. ދެން އޮތީ އިންޑިއާއިންމާކެޓް ހޯދުން. އެގޮތުން މިފްކޯއާއި ޕްރައިވެޓް ކުންފުނިތަކަށް ވިޔަފާރީގެ ރަނގަޅު ދޮރެއް މި ހުޅުވުނީ. އަޅުގަނޑުމެން އެ ފުރުޞަތު އެކުންފުނިތަކަށް ހޯދައިދޭނަން."

އިންޑިއާއަށް މަސް އެކްސްޕޯޓްކުރުމުގައި ނަގަމުންއައި ޑިއުޓީ ކަނޑާލުމާއި ގުޅިގެން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ފައުޒީ ވިދާޅުވީ، އިންޑިއާއިން ޑިއުޓީ ކަނޑާލުމުން އެ ފުރުޞަތުގެ ބޭނުން ހިފައިގެން މަހުގެ އުފެއްދުންތަކަށް އައު ފުރުޞަތުތައް ހޯދަމުން އަންނާނެކަމަށެވެ.

"ރާއްޖޭގެ މަސް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި ޒީރޯ ޑިއުޓީއަށް ބަދަލުވުމުން، އެ ފުރުޞަތުގެ ބޭނުން ހިފައިގެން އައު ފުރުޞަތުތައް ލިބިގެންދާނެ."

ސަފްޓާ އަކީ، ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

އެކްސްޕޯޓްކުރާ މަހުން މިހާރުވެސް 281 ޑޮލަރު މިފްކޯއަށް ގެއްލުންވަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ވިދާޅުވެފައިއެވެ. މަސްވެރިންނަށް ހަމައަގު ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސް އެކްސްޕޯޓް ކުރުމުގައި ނަގާ ޓެކްސްކަމަށް މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.