ކުޅިވަރު

ގޭމްސްއަށްދާނީ މެޑައްޔަކަށް އަމާޒުކޮށްގެން - ޤައުމީ ޓީޓީ ޓީމް


ރަނގަޅު ފަރިތަކުރުންތަކަކަށްފަހު ގޭމްސްއަށްދާނީ މެޑައްޔެއްގެ އުއްމީދުގައި ކަމަށް ޤައުމީ ޓޭބަލް ޓެނިސް ޓީމްގެ ކުޅުންތެރިން ބުނެފިއެވެ. މިމަހުގެ ހަވަނަ ދުވަހު އިންޑިޔާގައި ފެށުމަށް ހަމަޖެހިފައިވާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރިން ޓީމްގެ ކުޅުންތެރިން ބުނީ ގޭމްސްއަށް ވެވުނު ތައްޔާރީއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އެންމެ ދަށްވެގެން ސިލްވަރ މެޑެއްޔެއް ނަމަވެސް ހޯދުމަކީ ޓީމުގެ މިފަހަރުގެ އަމާޒުކަމަށް ޓީޓީ ޓީމްގެ ކުޅުންތެރިން ބުންޏެވެ. " މިފަހަރު މިދަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އިރަދަ ކުރެއްވިއްޔަ އެންމެ ދަށްވެގެން ލޯ މެޑެއްޔެއް ލިބޭތޯ ވަރަށް މަސައްކަތް ކުރާނަން. މަޢުލޫމަތު ލިބޭ ގޮތުގައި ބައްދަލުކުރަންޖެހޭ ޓީމްތަކަކީވެސް އާދައިގެ ޓީމްތަކެއް ނޫން. ވަރަށް މޮޅު ޓީމްތަކަކާ ވާދަ ކުރަން ޖެހެނީވެސް. ނަމަވެސް ޗައިނާ ޓީމްތަކާއެކު ކުރިޔަށް ގެންދިޔަ ފަރަިތަކުރުންތަކާއެކު ވަރަށްބޮޑު ކުރިއެރުމެއް ޓީމަށް ވަނީ ލިބިފައި. " ޓީޓީ ޓީމްގެ ކުޅުންތެރިޔާ ޙުސައިން ޝިފްނާން ޕީއެސްއެމްއާ ވާހަކަ ދައްކަމުން ބުންޏެވެ.ޤައުމީ ޓީޓީ ޓީމްގައި މިފަހަރު ހިމެނެނީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންެވެ.ޤައުމީ ޓޭބަލް ޓެނިސް ޓީމް ޖުމްލަ ތިން ބުރެއް ކުޅޭނެއެވެ. މި ތިން ބުރުން އެންމެ މޮޅު ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ. ޓީޓީ ޓީމްގެ މެޗްތައްވެސް މުބާރާތުގެ ފުރަތަމަ ދުވަހު ފެށުމަށްވަނީ، ހަމަޖެހިފައެވެ.