ފީފާއިން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ފުޓްބޯޅައަށް ލިބުނު ދެރައެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވެއްޖެއެވެ.
ފީފާއިން މިގޮތަށް އަމަލު ކޮށްފައިވަނީ އިތުރު ފަރާތްތަކުގެ ނުފޫޒު އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ގެ މައްޗައް ފޯރުވާތީއެވެ. މި ސަސްޕެންޝަންގެ ސަބަބުން މި އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް ކުރިން ރޭވިފައިވާގޮތަކަށް ނުބޭއްވޭނެއެވެ.
މިކަމާ ގުޅިގެން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް ވަނީ އިންޑިއާ ސަސްޕެންޑް ކުރުމަކީ ފުޓްބޯޅައަށް ކުރިމަތިވި ދެރަ ދުވަހެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ޖަވާޒް ވިދާޅުވީ ހަމަނުޖެހުންތަކެއްގެ ތެރެއިން ކަންތައްތައް ކޮށްގެންނާއި ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުވައިގެން ކަންކަން ކުރުމަކުން ފީފާއިން ފިޔަވަޅު އަޅަނީ ގައުމެއްގެ ބޮޑު މިނަށް ބަލައިގެން ނޫން ކަމަށާއި، ކުޅިވަރުގައި ހެދިފައިވާ ގާނޫނުތައް ނެގެހެއްޓުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން އެއާ ޚިލާފަށް ކަންކަން ކޮށްގެން ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފީފާއިން އިންޑިއާ ސަސްޕެންޑް ކުރިއިރު، އިންޑިއާގެ އެންމެ މަތީ ކޯޓުން މި އަހަރުގެ މެއި މަހު ވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އުވާލައި، އެ ގައުމުގެ ފުޓްބޯޅައިގެ ހުރިހާ ކަމެއް ކުރަން ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލާފައެވެ. ފީފާ ގަވާއިދު ބުނާގޮތުން އެ ޖަމުއިއްޔާގެ މެންބަރު ފެޑެރޭޝަން ވާން ވާނީ އެ ގައުމެއްގެ ގާނޫނީ އަދި ސިޔާސި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށެވެ.
ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ އިންޑިއާގެ ފުޓްބޯޅަ އާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ކުރިއަށްދާނެ ގޮތުގެ ރޯޑްމެޕެއް އެކުލަވާލާފައެވެ. މި ރޯޑްމެޕްގައި ވަނީ އޭއައިއެފްއެފްގެ ގަވާއިދު ބަދަލުކޮށް އަދި އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން އިންތިޚާބު ބޭއްވުމަށް އަންގާފައެވެ.
ފީފާއިން ހާމަކުރިގޮތުގައި މިސަސްޕެންޝަން އުވާލެވޭނީ އޭއައިއެފްއެފްގެ އެގްޒެކެޓިވް ކޮމެޓީގެ ޒިންމާ އަދާކުރާނެ އެޑްމިނިސްޓްރޭޓިވް ކޮމެޓީއެއް ހޮވި، އިންޑިއާގެ ފުޓްބޯޅާއިގެ ހުރިހާ ޒިންމާތަކެއް އޭއައިއެފްއެފްއިން ނަގާ ހިސާބުންނެވެ.