2014 ވަނަ އަހަރު ޔޫކްރެއިނަށް އަރައި ރަޝިޔާ ސިފައިން ހިފާފައިވާ ކްރައިމިޔާގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒެއްގައި ބާރުގަދަ އެއްޗެއް ގޮވައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އަސްކަރީ މަރުކަޒުގައި ހުންނަ ހަތިޔާރު ރައްކާކުރާ ގުދަނެއްގައި ކަމަށް ރަޝިޔާއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އަސްކަރީ މަރުކަޒުގެ ބޮޑު ސަރަޙައްދެއްގައި ވަނީ ރޯވެފައެވެ. އަދި، އެ ސަރަޙައްދުގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ 2,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެ ސަރަޙައްދުގައިވާ ރަޝިޔާގެ އެހެން އަސްކަރީ މަރުކަޒަކުން ވެސް ދުން އަރަމުންދާ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް، އެ ތަނުގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަން ރަޝިޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޔޫކްރެއިނުން ވަނީ، މި ހާދިސާގެ ޒިންމާ އުފުލަން މަސައްކަތް ކޮށްފައެވެ. އަދި، މިއީ އެ ޤައުމުގެ ސިފައިންގެ ޚާއްޞަ ފައުޖަކުން ސިއްރިޔާތުގައި ހިންގާފައިވާ އޮޕަރޭޝަނެއްގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި ސިފަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި ޔޫކްރެއިނުން އެ ކަން ކަށަވަރު ކޮށްދީފައި ނުވާ އިރު، ރަޝިޔާއިން ވަނީ އެ ތަނުގައި ހިނގި ހާދިސާއާ ޔޫކްރެއިން ސިފައިންނާ އެއްވެސް ގުޅުމެއް ނުވާ ކަމުގައި ބުނެފައެވެ.
އަސްކަރީ މަރުކަޒުގައި ރޯވި އަލިފާންގަނޑު އެ ސަރަޙައްދުގައި ހުރި ކަރަންޓު ސަބްސްޓޭޝަނަށް ފޯރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ރޭލު ދަތުރުތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ. ކްރައިމިޔާއަކީ ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމަށް ވަރަށް މުހިންމު ތަނެކެވެ. ޔޫކްރެއިންގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދޭން ބޭނުން ކުރަނީ ކްރައިމިޔާއެވެ. އަދި، އެ ތަނުގައި ރަޝިޔާގެ ވައިގެ ސިފައިންގެ މަރުކަޒުތައް ވެސް ވަނީ ޤާއިމު ކޮށްފައެވެ.