ކުޅިވަރު

ސަސުއޯލޯ އަތުން ޔުވެންޓަސްއަށް މޮޅެއް


އިޓާލިއަން ލީގުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބުކޮށްފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސަސުއޮލޯއެވެ. ނަމަވެސް އެ ޓީމަށް ޔުވެންޓަސްގެ ޑިފެންސް ފޫއަޅުލެވޭގޮތެއް ނުވިއެވެ. މި މެޗްގައި ޔޫވޭއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި އެޓީމަށް ޖަހާދިނީ މިސީޒަންގައި އެޓީމާއި އަލަށް ގުޅުނު އާޖެންޓީނާގެ އެންޖެލް ޑި މާރިއާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ލީޑުފުޅާކޮށްދިނީ ޑުސާން ވްލަހޮވިޗް އެވެ.

މެޗްގައި ޔޫވޭގެ ފަހު ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީވެސް ވްލަހޮވިޗްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނަތީޖާއަށް އިތުރު ބަދަލެއް ގެނެވޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު އާސީޒަންގެ ފެށުން ޔޫވޭއިން ރަނގަޅު ކޮށްފައިވާއިރު ފުރަތަމަ ހަފްގާގެ ކުޅުމާއެކު އެޓީމް އޮތީ ޖަހާފައިވާ ލަނޑުގެ ތަފާތުން ދެވަނައިގައެވެ. އެއްވަނައިގާ ނަޕޯލީ އުޅޭއިރު އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާން އޮތީ ތިންވަނައިގައެެވެ.