ޚަބަރު

ޗައިނާއިން ތައިވާން ސަރަޙައްދުގައި އިތުރު އަސްކަރީ ތަމްރީނުތަކެއް ފަށައިފި


ތައިވާނު ވަށައިގެންވާ ކަނޑާއި ވައިގެ ސަރަޙައްދުގައި ޗައިނާއިން އަނެއްކާ ވެސް އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ. ޗައިނާއިން މި ތަމްރީނުތައް ފަށާފައި މި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހިމެނޭ ދެވަނަ ވަފުދެއް ތައިވާނަށް ޒިޔާރަތް ކުރުމާ ގުޅިގެން، އެ ކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެން ޗައިނާއިން ކުރިން ވަނީ ތައިވާން ވަށައިގެންވާ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާފައެވެ. އޭނާ ތައިވާނަށް ވަޑައިގަންނަވާފައި ވަނީ، ޗައިނާއިން ދެމުން ދިޔަ އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހުއެވެ. އަދި، މި ދަތުރުފުޅާ ގުޅިގެން ޗައިނާއާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ.

ނަމަވެސް، މި ގުޅުންތައް ރަނގަޅުވެދާނެ ކަމުގެ ނިޝާންތައް ފެންނަން ފެށުމާ އެކު، އެމެރިކާއިން މި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެވަނަ ވަފުދެއް ތައިވާނަށް ފޮނުވާފައެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ވަފްދުގައި އިސްކޮށް ހުންނަވަނީ އެޑް މާކީއެވެ. އޭނާއަކީ، ސެނެޓުގެ އިރުމަތީ އޭޝިޔާއާއި ޕެސިފިކް ކަނޑުގެ ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ސައިބަރސެކިޔުރިޓީއާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.

މި ދަތުރުގައި ވަފުދުގެ މެންބަރުން ވަނީ ތައިވާނުގެ ރައީސް ސައި އިންގް-ވެންއާ ބައްދަލު ކުރައްވައި، މަޝްވަރާތައް ބާއްވަވާފައެވެ. ވަފުދުގެ މި ދަތުރާ އެކު، ތައިވާނާ އެކު ގާތް ގުޅުމެއް ބާއްވަން އެމެރިކާއިން ބޭނުންވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމުގައި ތައިވާނުގެ ރިޔާސީ ގަނޑުވަރުން ބުނެއެވެ. މި ދަތުރާ ގުޅިގެން ޗައިނާއިން ބުނީ، އެމެރިކާއިން އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެފައިވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. އަދި، ތައިވާން ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ސުލްޙަމަސަލަސްކަން ނަގައިލަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ތައިވާނަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ވެރިކަން ކުރާ ތަނެއް ކަމުގައި ވީ ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ތައިވާނާ އެކު ގުޅުން ބަދަހި ކުރަން އެމެރިކާއިން މަސައްކަތް ކުރުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ. އެ ގުޅުންތައް ބަދަހިވުމުގެ ސަބަބުން، މިނިވަން ކަން ހޯދަން ތައިވާނުގެ ބައެއް ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ލިބޭ ކަމަށް ޗައިނާއިން ބުނެއެވެ.