ޚަބަރު

ބްރިޖާއެކު މާލެ ސަރަޙައްދުގެ ކަރަންޓަށްވެސް ލުޔެއް !


ހުޅުލެއާއި މާލެއާ
ދެމެދު އަޅުއްވާ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، މާލެއާއި
ހުޅުމާލޭގެ ކަރަންޓް ވިއުގަ ކޭބަލްއަކުން ގުޅާލުމުން ކަރަންޓްގެ އަގަށް ހެޔޮ
ބަދަލެއް އަންނާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެންވަޔަރމަންޓް
މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތުގެ އިނީޝިއަލް ސަރވޭގެ މަސައްކަތް ނިންމަވާފައެވެ. އެންވަޔަރމަންޓް
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބުދުލް މަތީން ވިދާޅުވީ، ބްރިޖްގެ މަޝްރޫޢާއެކު
މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ކޭބަލް ގުޅާލުމަށް ކުރަންޖެހޭ މަސައްކަތް އެމިނިސްޓްރީގެ
ބެއްލެވުމުގެ ދަށުން، ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޑިޒައިންގެ
މަސައްކަތް ކުރުމަށް ބަޔަކު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް
މަތީން ވިދާޅުވިއެވެ.



ބްރިޖްގެ
މަސައްކަތް މުޅިން ނިމޭއިރު ކަރަންޓް ކޭބަލް ގުޅާލުމުގެ މަސައްކަތްވެސް
ނިމިގެންދާނޭ ކަމަށާއި އޭރުން ކަރަންޓްގެ ޚިދުމަތަށް ކުރާ ހޭދަކުޑަވެ،
ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރާނެކަމަށް މަތީން ވިދާޅުވިއެވެ.



ސްޓެލްކޯއިން ވެސް ވަނީ މާލެ ސަރަޙައްދުގެ ކަރަންޓުގެ ޙާލަތު އިތުރަށް
ރަނގަޅު ކުރުމަށް ހުޅުމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައެވެ. އެގޮތުން 50 މެގަވޮޓްގެ ޕަވަ ޕްލާންޓެއް ޤާއިމުކުރުމުގެ
މަސައްކަތް މިހާރު ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން މާލޭގައި
ބޭނުންކުރާ ކަރަންޓްގެ މިންވަރު އިތުރުވާތީ، ކެޕޭސިޓީ އިތުރުކުރުމަށް 8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސް އަންނަ އަހަރު ކަރަންޓް ދިނުމަށްވެސް ސްޓެލްކޯއިން
ދަނީ މަސައްކަތް ކުރަމުންނެވެ.