ވިޔަފާރި

އައްޑޫން ފަތުރުވެރިކަމަށް، އިތުރު 23 ބިމެއް ދޫކޮށްފި


އައްޑޫ ޓޫއަރިޒަމް ޒޯން ތަރައްޤީ ކުރުމުގެ މަޝްރޫޢޫގެތެރެއިން އިތުރު 23 ބިމެއް އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި ބިންތައް ކައުންސިލުގެ ފަރާތުން ޙަވާލުކޮށްދެއްވީ، މޭޔަރު ޢަލީ ނިޒާރެވެ. މިމަޝްރޫޢޫގެ ދަށުން އައްޑޫގެ 5 ސަރަހައްދެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރެއެއެވެ. އޭގެތެރެއިން މިފަހަރު ބިން ދޫކޮށްފައިވަނީ ހިތަދޫ ޓުއަރިޒަމް ޒޯނުން 6 ބިން، ފޭދޫ ޓުއަރިޒަމް ޒޯނުން 2 ބިން، ހުޅުދޫ ޓުއަރިޒަމް ޒޯނުން 8 ބިން އަދި މީދޫ ޓުއަރިޒަމް ޒޯނުން 7 ބިމެކެވެ. މިއާއެކު ޖުމްލަ 23 ބިމެއް ވަނީ ބީލަން ކާމިޔާބު ކުރިފަރާތްތަކާ ހަވާލުކޮށްފައެވެ.

މިއީ މިމަޝްރޫޢުގެ ދަށުން އައްޑޫން ފަތުރުވެރިކަމަށް ބިން ދޫކުރާ 3ވަނަ ފަހަރެވެ. މީގެ ކުރީން އެންމެ ފުރަތަމަ ބުރުގައި 31 ބިމެއް ގެސްޓް ހައުސްތަކާއި ޓުއަރިސްޓު ހޮޓާ ތަރައްޤީ ކުރުމަށް މި ސަރަހައްދުތަކުން ދޫކޮށްފައި ވެއެވެ. މިދިޔަ އަހަރު މާރިޗުމަހު ދޫކުރި ބިންތަކުގެ އެއްބަސްވުން ހަދާފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި ބިންތައް ލިބުނު ފަރާތްތަކާ ދެމެދުއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި، މި އެއްބަސްވުންތައް ސިޓީ ކައުންސިލުގެދަށަށް ވަނީ ބަދަލުކޮށްފައެވެ. މިބުރުގައި ދޫކޮށްފައިވަނީ ހިތަދޫ ޓުރިޒަމް ޒޯނުގެ 7 ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން އެއް ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫން 9 ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން 2 ބިމެކެވެ.

ދެވަނަ ބުރަށް ބިންތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރި 8 ފަރާތަކާއި ބިން ހަވާލުކުރިއެވެ. މި ބުރުގައި ހިތަދޫ ޓުއަރިޒަމް ޒޯނުން 7 ބިން އަދި ހުޅުދޫ ޓުއަރިޒަމް ޒޯނުން 1 ބިން ހަވާލު ކުރެވުނެވެ.

އައްޑޫގައި ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ފަތުރުވެރިކަމަށް ބިންތަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޓޫއަރިޒަމް ޒޯންތަކުގެ ލޭންޑް ސްކޭޕިން މަސައްކަތް އިންޑިއާ ސަރުކާރުގެ އެހީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އައްޑޫގައި ފަސް ޓުއަރިޒަމް ޒޯނެއް ޤާއިމްކޮށް މި ޒޯންތައް ތަރައްޤީކުރަނީ ފަތުރުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކާ އެކުގައެވެ.