ޚަބަރު

އޮމިކްރޯންއަށް ޚާއްޞަ ވެކްސިނަކަށް އިނގިރޭސިވިލާތުން ހުއްދަ ދީފި


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ވޭރިއެންޓެއް ކަމުގައިވާ އޮމިކްރޯންއަށް ޚާއްޞަ ކޮށްފައިވާ ވެކްސިނަކަށް އިނގިރޭސި ވިލާތުން ހުއްދަ ދީފިއެވެ. ކޮވިޑް-19ގެ އެންމެ ފުރަތަމަ ފެތުރެން ފެށި ވޭރިއަންޓާ ދެކޮޅަށް ދޭނެ ވެކްސިނެއް ފަރުމާ ކުރުމުން، އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ވެސް އެންމެ ފުރަތަމަ ދީފައި ވަނީ އިނގިރޭސި ވިލާތުގައެވެ. އެއީ 2020 ވަނަ އަހަރުގެ ފަހުކޮޅެވެ.

އިނގިރޭސި ވިލާތުގެ ބޭސްތަކާ ބެހޭ މައި އިދާރާ (އެމް.އެޗް.އާރް.އޭ)އިން ހުއްދަ ދީފައިވާ އައު ވެކްސިނަކީ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ މޮޑަރނާއިން އުފައްދާފައިވާ ވެކްސިނެކެވެ. މިއީ، ކޮވިޑްގެ އެންމެ ފުރަތަމަ ވޭރިއެންޓްގެ އިތުރުން އޮމިކްރޯންއިން ދިފާޢުވުމަށް ވެސް ބޭނުން ކުރެވޭނެ ވެކްސިނެކެވެ. މި ވެކްސިން ބޭނުން ކުރާނީ ބޫސްޓަރ ޖޯޒްއެއްގެ ގޮތުގައެވެ.

މޮޑަރނައިން ޖޫން މަހު ހަދާފައިވާ ޓެސްޓުތަކުން ދައްކާ ގޮތުގައި، މި ވެކްސިނަކީ ކޮވިޑްގެ ފުރަތަމަ ވޭރިއަންޓްގެ އިތުރުން، އޮމިކްރޯންގެ ބީއޭ.1 ވޭރިއެންޓުން ދިފާޢު ކުރުމަށް އެހީތެރިވެދޭނެ ވެކްސިނެކެވެ. މި ވެކްސިންގެ ސަބަބުން، ކޮވިޑްގެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ނިޒާމުން އުފައްދާ އެންޓިބޮޑީސްގެ އަދަދު އަށް ގުނައަށް އިތުރުކޮށްދޭ ކަމުގައި އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ އޮމިކްރޯންގެ ސަބްވޭރިއެންޓްތައް ކަމުގައިވާ ބީއޭ.4 އަދި ބީއޭ.5އިން ދިފާޢުވުމަށް ވެސް މި ވެކްސިކުން އެހީތެރިވެދޭނެއެވެ.

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދިނުމުގެ އައު ޕުރޮގުރާމެއް އަންނަ ސެޕްޓެންބަރު މަހު ފަށާނެ ކަން އިނގިރޭސި ވިލާތުގެ ސަރުކާރުން ވަނީ އިޢުލާނު ކޮށްފައެވެ. އެންމެ ފުރަތަމަ ބޫސްޓަރ ޖޯޒް ޖަހައިދިނުމަށް ނިންމާފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމާއި ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނަށެވެ.