ދުނިޔޭގެ ވިޔަފާރި

ސިނާއީ މަސައްކަތްތަކަށް ތައިލޭންޑުން އިންވެސްޓްކުރަން ނިންމައިފި


ދިގު މުއްދަތަކަށް އިގްތިސާދީ ދުވެލި ހަލުއިކުރުމަށްޓަކައި ސިނާއީ މަސައްކަތްތަކަށް 61.97 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ތައިލޭންޑުން ނިންމައިފިކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރުޖަމާނު ތަނަކޯން ވަންގްބޫންކޮންގްޗަނާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އީސްޓަން އިކޮނޮމިކް ކޯރިޑޯ (އީއީސީ)ގައި 2023-2027 އަށް އެކުލަވާލާފައިވާ ޕްލޭންގައި އިލެކްޓްރިކް ވެހިކަލްތަކާއި މެޑިކަލް ޓެކްނޮލޮޖީ ފަދަ އިންވެސްޓްމަންޓްތައް ހިމެނޭނެ ކަމަށެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި އަހަރަކު 11.27 ބިލިއަން އެމެރިކާ ޑޮލަރާއި 14.08 ބިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދަކަށް އިންވެސްޓް ކުރާނެއެވެ. މީގެ ސަބަބުން 2024 ވަނަ އަހަރުން ފެށިގެން އަހަރަކު %5 އަށް އިގްތިސާދީ ދުވެލި ހަލުއިވާނެކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ގެންގުޅޭ 2018-2022 ގެ ޕްލޭންގެ ދަށުން އީއީސީއަށް ކޮށްފައިވާ އިންވެސްޓްމަންޓް 1.8 ޓްރިލިއަން ބާތަށް އަރާފައިވާއިރު، މިއީ 1.7 ޓްރިލިއަން ބާތުގެ އަމާޒަށްވުރެ އިތުރު އަދަދެއް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިރަށް ބެންކޮކްގެ އިރުމަތީގައި އޮންނަ ތިން ޕްރޮވިންސެއް ހިމެނޭ އީއީސީ އަކީ ހާއްސަކޮށް ހައިޓެކް ސިނާއަތްތަކުގައި ކުރިއެރުން އިތުރުކޮށް އިންވެސްޓް ކުރުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މައި މަރުކަޒެކެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލޭންޑުގެ މި އަހަރުގެ އިގްތިސާދީ ދުވެލި %2.7 އާއި %3.2 އާއި ދެމެދުގެ އަދަދަކަށް ހަލުއިވާނެ ކަމަށް ދައުލަތުގެ ޕްލޭނިން އެޖެންސީން ހޯމަ ދުވަހު ވަނީ ލަފާކޮށްފައެވެ.

އިގްތިސާދީ ދުވެލި ހަލުއި ކުރުމަށް ތައިލޭންޑުން މަސައްކަތްކުރަމުންދާއިރު، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އަންނަ އަހަރު 65.03 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ތައިލޭންޑުން މިދިޔަ ޖުލައި މަހު ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ތައިލޭންޑަށް ވަނީ ގާތްގަނޑަކަށް 2 މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި 18 މަސްދުވަހަށްވުރެ ގިނަ ދުވަސްވަންދެން އެ ޤައުމަށް ވަނުމުގައި އޮތް އުނދަގޫ އުސޫލުތަކުގެ ސަބަބުން ހީނަރުވެފައިއޮތް އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ރަނގަޅު ކުރިއެރުމެކެވެ.