ޚަބަރު

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100އިން ދަށަށް


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ޢަދަދުތައް 100އިން ދަށަށް ދާން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 98 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 7އިން 13އަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 98 މީހުންނެވެ.

މީގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 40 މީހެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވި 40 މީހަކު ހިމެނެއެވެ. މިއީ ވޭތުވެދިޔަ 2 މަހާ އަޅާބަލާއިރު ބޮޑުތަނުން ދަށް ޢަދަދެކެވެ. އެގޮތުން ޖޫން މަހު 1000އިން މަތީގައި ބަލި ޖެހުނު މީހުންގެ އަދަދު ހުރިއިރު ޖުލައި މަހުގެ ތެރޭގައި ހަފްތާއަކު ބަލިޖެހޭ މީހުންގެ އަދަދު ހުރީ 100އިން މަތީގައެވެ.

ކޯވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ޢަދަދުތައްވެސް މިހާރު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޑްމިޓްކޮށްފައިވަނީ 6 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 184689އަށް އަރާފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 307 މީހަކު ނިޔާވެފައިވެއެވެ.

މި ދުވަސްވަރަކީ ޗުއްޓީއަށް ފަހު ސްކޫލްތަކާއި އޮފީސްތައް ހުޅުވި މަސައްކަތަށް ނުކުމެފައިވާ ދުވަސްވަރެއްވުމުން ބަލީގެ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޓެސްޓުކުރުމަށާއި، ބަލި ފެތުރުމަށް މަގުފަހިވާ ކަންކަމުން ދުރުވުން މުހިއްމެވެ.

ވަކިން ޚާއްސަކޮށް މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު މާސްކް އެޅުމަށާއި، އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.