ކުޅިވަރު

ތާރީޚީ ލޯ މެޑެލް ހޯދި ޓީޓީ ޓީމަށް ހޫނު މަރުހަބާއެއް


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ލޯ މެޑެލް ހޯދި އަންހެން ޓޭބަލް ޓެނިސް ޓީމު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އަންހެން ގައުމީ ޓީމަށް މާލެގެ އެއް ނަންބަރު ފާލަމުން މަރުހަބާ ވިދާޅުވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ. އަދި މާލެ އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޓީޓީ ޓީމު ދިޔުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

ޓީޓީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި އަންހެން އެތުލީޓުން ހޯދާ ކާމިޔާބީ ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އަންހެން ޓީޓީ ޓީމުން ދައްކައިދިނީ ރާއްޖެއަށް ކުޅިވަރުގެ މައިދާނުގައި މިއަށްވުރެ އުހަށްދެވޭނެކަމުގެ އުއްމީދާއި ޔަގީންކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ރާއްޖެއިން މި ރީޖަން މިހާރު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީތައް ހޯދަން ބޭނުންނަމަ ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެހެންކަމުން ސަރުކާރުގެ ފުއްދުންތެރިކަން ހުރި މިންވަރަކުން ވަކި ކުޅިވަރެއް ނުބަލައި ކޮންމެ ކުޅިވަރަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މި ކާމިޔާބީއަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ސަރުކާރުގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އަދި ޓީޓީގެ ކުރިއެރުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ޓީޓީ ޓީމު މެޑެލް ހޯދާނެ ކަމަށް ބުނުމުން އެއީ ޖޯކެއް ކަމަށް މީހުން ދެކުނު ކަމަށެވެ. އެކަމަކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާ ހިސާބުން އެކަން ބަދަލުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ މި ކާމިޔާބީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ސަރުކާރުން ޓީޓީ ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޝިއުރީ ވިދާޅުވީ ޓީޓީގައި އިތުރު ކާމިޔާބީ ހޯދަން ބޭނުންވާނަމަ އަތޮޅުތެރެއަށް ޓީޓީ ފުޅާކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަންހެން ޓީޓީ ޓީމުގައި ހިމެނޭ އައިޝަތު ރަފާ ނާޒިމް ބުނީ މި ކާމިޔާބު ލިބުނީ ހަމައެކަނި ކުޅުންތެރިން ކުރި މަސައްކަތުން ނޫން ކަމަށާއި، މި ކާމިޔާބީއަކީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ފެށުނީއްސުރެ ރައީސް ޞާލިޙާއި، ކުޅިވަރާ ބެހޭ ވަޒީރު ވެދެއްވާ އެހީތެރިކަން ފާހަގަކުރާ ކަމަށް ރަފާ ވަނީ ބުނެފައެވެ.

މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ލޯ މެޑެލް ލިބުނީ ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ސެމީ ފައިނަލުގައި އީރާން އަތުން ބަލިވުމުންނެވެ. ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. އެއީ ޖިބޫޓީ އާއި ޔުގެންޑާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ގްރޫޕް ސްޓޭޖުގައި އަންހެން ޓީމު ބަލިވެފައިވަނީ ތުރުކީ އަތުންނެވެ. ސެމީގައި ރާއްޖެ ޖެހުނީ އީރާންއާ ދެކޮޅަށެވެ.

މި ކާމިޔާބީއާއެކު ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މި ވަނީ ތަފާތު ތިން ގޭމްސްގެ ޓީމު އިވެންޓުގައި މެޑެލް ހޯދާފައެވެ. އެގޮތުން ސޮލިޑާރިޓީ ގޭމްސްގެ އިތުރުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަން މެޑެއްޔާއި، ހަމަ އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހޯދި ލޯ މެޑެލް ހިމެނެއެވެ.