ޚަބަރު

މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއް ނޫން


މިދިޔަ އަހަރެކޭވެސް
އެއްގޮތަށް މިއަހަރުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ މާދަމާ އޮންނައިރު، މާދަމާއަކީ ސަރުކާރު ބަންދުދުވަހެއް ނޫންކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައެވެ. މީގެ ކުރިން ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ރަސްމީ ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި އޮތްނަމަވެސް، މިފަހަކަށް އައިސް އެދުވަސް ސަރުކާރުން ބަންދެއްނުކުރައްވައެވެ. 

މިއަހަރަށް ރައްޔިތުންގެ
މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ދަރުބާރުގޭގައެވެ. އާއަހަރަށް މަޖިލިސް ހުޅުވާ
ޖަލްސާ ދަރުބާރުގެއަށް ބަދަލު ކުރައްވާފައި މިވަނީ މިދިޔަ ބުރާސްފަތިދުވަހު
ރައްޔިތުން މަޖްލީހުގެ ޗެމްބަރގައި ކަރަންޓް ޝޯޓް ސަރކިޓެއްވެ އަލިފާނުގެ
ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. 



ރައްޔިތުންގެ
މަޖިލީހުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބާއްވަވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ
ރިޔާސީ ބަޔާން އިއްވަވާނެއެވެ.



ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވަނީ
ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި
ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް
ރަނގަޅުކުރުމަށްޓަކައި ކުރާންޖެހޭ ކަަމަށް، ރައީސުލްޖުމްހޫރިއްޔާއަށް
ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް
އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ. އަދި
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ
ބަޔާނަށް ޖަވާބުދެއްވަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައިވެއެވެ.