ދުނިޔެ

އައިއެސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަ ކުރަނީ


އައިއެސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރައްވާނޭ ކަމަށާއި، އެޖަމާޢަތުން އެހެން ތަންތަނުގައި އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނޭ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެއެވެ. ކެރީ މިހެން ވިދާޅުވީ އައި.އެސް ޖަމާޢަތާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް މުޠާލިއާ ކުރުމަށް ރޯމްގައި 23 ޤައުމަކާއިއެކު ބާއްވަމުންދާ ބައްދަލްވުމުގެ ޙުލާސާގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ސޫރިޔާއާއި އިރާޤުގެ ސަރަހައްދުތަކުގައި ގަދަވެގަނެގެން މަސައްކަތްކުރަމުންދާ އައި.އެސް ޖަމާޢަތުން ދަނީ ލީބިޔާގައިވެސް ގަދަވެގަތުމަށް މަސައްކަތްކުރަމުންނެވެ. ކެރީ ވިދާޅުވީ އައި.އެސް ބަލިކަށިކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، އެޖަމާޢަތަށް ގަދަވެގަނެގެން އުޅޭ ސަރަހައްދުތަކުން ފައްސާލާނޭކަމަށެވެ. އަދި އައި.އެސްއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުން ކުރެވެން ހުރި ހުރިހާ ވަޞީލަތެއް ބޭނުން ކުރައްވާނޭކަމަށް ކެރީ ވިދާޅުވިއެވެ.އައި.އެސްއާއި ހަނގުރާމަ ކުރަމުންދާ ބައިނަލްއަޤްވާމީ ކޯލިޝަންއިން ދަނީ ސޫރިޔާއާއި އިރާޤުގައި އައި.އެސްއިން ގަދަވެގަނެގެން އުޅޭ ސަރަޙައްދުތަކުން އެމީހުން ފައްސާލުމަށް ބޮޑެތި މަސައްކަތްތަކެއްކޮށް ކާމިޔާބީތައް ހޯދަމުންނެވެ.