ޖަރުމަން ލީގުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް ޖަމާލް މުސިއަލާއެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.
މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ދެވަނަ ލަނޑު އޭގެ 10 މިނެޓު ފަހުން ޖަހައިދިނީ ތޯމަސް މުލާއެވެ. އޭގެ ކުރިން މި މެޗުގައި ބަޔާނުގެ ސާޑިއޯ މާނޭ ޖެހި ލަނޑެއް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މި މެޗަކީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަޔާނުން ކުޅުނު ފުރަތަމަ މެޗެވެ.
މި މޮޅާއެކު ބަޔާން މިހާރު އުޅެނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އުޅޭ ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ހަ ޕޮއިންޓް ލިބިފައިވީ ނަމަވެސް، ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި މި މެޗުން ބަލިވި ވުލްފްސްބާގް އުޅެނީ ދެ މެޗުން ލިބިފައިވާ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ 14 ވަނައިގައެވެ.