އިޓާލިއަން ލީގުގައި ސެލަރްނިޓާނާއާ ދެކޮޅަށް ކުޅުނު މެޗު ރޮމާއިން ކާމިޔާބުކޮށްފިއެވެ.
ސެލަރްނިޓާނާގެ ދަނޑުގައި ކުޅުނު މި މެޗު ރޯމާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސެލަރްނިޓާނާއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު، ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މި މެޗުގައި ރޯމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ޖަހައިދިނީ ބްރަޔަން ކްރިސްޓަންޓީނެވެ.
މި މެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ރޯމާއަށް ލިބިގެންދިޔައެވެ. އެކަމަކު އެ ޓީމާ އަލަށް ގުޅުނު ޕައުލޯ ޑިބާލާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. އަދި ނިކޮލާ ޒަނިއޯލާއަށްވެސް ލަނަޑު ޖަހާނެ ރަނގަޅު ދެތިިން ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މެޗުން މޮޅުވެ ރޯމާއިން މި ސީޒަނުގެ ފެށުން ރަނގަޅުކުރިއިރު، އެ ޓީމުން މިދިޔަ ސީޒަން ނިންމާލާފައިވަނީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ.