ޚަބަރު

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުރު މެންބަރުންތަކެއް ތައިވާނަށް


އެމެރިކާއާއި ޗައިނާއާ ދެމެދު ނުތަނަވަސް ކަން އުފެދިފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިތުރު މެންބަރުންތަކެއް އަނެއްކާ ވެސް ތައިވާނަށް ދަތުރު ކޮށްފިއެވެ. މިއީ، މި މަހުގެ ތެރޭގައި ތައިވާނަށް ޒިޔާރަތް ކުރާ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެވަނަ ވަފުދެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ ވަނީ، ޗައިނާއިން ދެމުންދިޔަ އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވުމަށް ފަހު، އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ތައިވާނަށް ދަތުރު ކުރައްވާފައެވެ. އަދި، އެ ދަތުރުފުޅާ ގުޅިގެން، އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމަށް އިތުރު ހީނަރުކަމެއް ލިބުނެވެ.
ތައިވާނަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ވެރިކަން ކުރާ ތަނެއް ކަމުގައި ވީ ނަމަވެސް، އެއީ ޗައިނާގެ ބައެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ. އަދި، ތައިވާނާ އެކު ގުޅުން ބަދަހި ކުރަން އެމެރިކާއިން މަސައްކަތް ކުރުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ. އެ ގުޅުންތައް ބަދަހިވުމުގެ ސަބަބުން، މިނިވަން ކަން ހޯދަން ތައިވާނުގެ ބައެއް ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ލިބޭ ކަމަށް ޗައިނާއިން ބުނެއެވެ.

ތައިވާނަށް ވަޑައިގަންނަވާފައިވާ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެވަނަ ވަފްދުގައި އިސްކޮށް ހުންނަވަނީ އެޑް މާކީއެވެ. އޭނާއަކީ، ސެނެޓުގެ އިރުމަތީ އޭޝިޔާއާއި ޕެސިފިކް ކަނޑުގެ ޤައުމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ސައިބަރސެކިޔުރިޓީއާ ބެހޭ ކޮމިޓީގެ މުޤައްރިރެވެ.

އޭނާއާ އެކު ތައިވާނަށް ވަޑައިގަންނަވާފައިވާ އަނެއް ދެ ބޭފުޅުންނަކީ ކޮންގްރެސްގެ ނިއުކްލިޔަރ އަދި އެހެނިހެން ހަތިޔާރުތަކާ ބެހޭ ވަރކިންގް ގްރޫޕުގެ މެންބަރެއް ކަމުގައިވާ ޖޯން ގެރެމެންޑީއާއި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރެއް ކަމުގައިވާ ޑޮން ބޭޔަރއެވެ. މި ތިން ބޭފުޅުން ތައިވާނަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ސައި އިންގް-ވެންއާ ބައްދަލު ކުރައްވައި، މަޝްވަރާތައް ބާއްވަވާނެއެވެ. އެމެރިކާއިން ތައިވާނާ މެދު ބާއްވާ ގާތް ގުޅުމާއި، ފޯރުކޮށްދެމުންދާ އެހީތެރިކަން މި ތިން ބޭފުޅުންގެ ދަތުރުފުޅާ އެކު ހާމަވެގެން ގޮސްފައިވާ ކަމުގައި ތައިވާނުގެ ރިޔާސީ ގަނޑުވަރުން ބުންޏެވެ.

ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން ޗައިނާއިން ވަނީ ތައިވާނު ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. މި ތަމްރީނުތައް މިހާރު ނިންމައިލާފައި ވީ ނަމަވެސް، އަދިވެސް ދޭތެރެދޭތެރެއިން ޗައިނާގެ އަސްކަރީ އުޅަނދުތަކުން ދަނީ ތައިވާނުގެ ވައިގެ ސަރަޙައްދަށް ވަންނަމުންނެވެ.