ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ބަންގްލަދޭޝްގެ ކްރިކެޓް ޓީމަށް މީގެ ކުރިން ކުޅެފައިވާ ފާތިމާ ތުޒް ޖަހާރާ ހަމަޖައްސައިފިއެވެ.
ފާތިމާ ވަނީ މީގެ ކުރިން ބަންގްލަދޭޝްގެ ސީނިއާ ކްރިކެޓް ޓީމަށް ކުޅެފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ އަންހެން ކްރިކެޓް ޓީމުތަކުގެ ކޯޗުކަންވެސް އޭނާ ވަނީ ކޮށްފައެވެ. ފާތިމާ އަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ލެވަލް ދޭއްގެ ކޯޗިން ލައިސަންސް އޮތް ކޯޗެކެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް ކްރިކެޓަށް ޚިދުމަތްކޮށްދީފައެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ ގައުމީ އަންހެން ޓީމުގެ ކޯޗުކަމަށް ފާތިމާ ހަމަޖެއްސީ ރާއްޖޭގެ އަންހެން ގައުމީ ކްރިކެޓް ޓީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކަމަށާއި، އަދި ފާތިމާ އާއެކު ދާން ބޭނުންވާ މިސްރާބަށް ދެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ފާތިމާ އަކީ މި ސަރަހައްދުގެ ކްރިކެޓް ދަންނަ ކޯޗަކަށްވެފައި، ގައުމީ އަންހެން ކްރިކެޓް ޓީމަށް ސަރަހައްދުގައި ރަނގަޅު ފައިޓެއް ފާތިމާގެ ކޯޗުކަމުގެ ދަށުގައި ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ފާތިމާ ހަމަޖައްސާފައިވަނީ ރަނގަޅު ފެންވަރުގެ ގައުމީ އަންހެން ސީނިއާ ޓީމެއް، 2030 ވަނަ އަހަރު އެކުލަވާލުމުގެ ބޭނުމުގައި ކަމަށް ސީބީއެމުން މައުލޫމާތުދެއެވެ.
ގައުމީ އަންހެން ކްރިކެޓް ޓީމެއް އެކުލަވާލައި، އެންމެ ފުރަތަަމަ ބައިނަލްއަގުވާމީ މެޗަކަށް ނުކުމެފައި ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ.