ކުޅިވަރު

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ކަޓުވާލައި ބުރު ފައިނަލަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިކޮށް ފައިނަލަށް ބުރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ބުރު ސްޕޯޓްސްއިން ނިއު ރޭޑިއަންޓުގެ ހާފަށް ބާރު ބޮޑުކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ކެޕްޓަން އަޙްމަދު ރަޝީދު (އައްމަޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓެފަން ޑުރިޗެވެ.

އޭގެ ފަހުން މެޗުގެ 23 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުގެ ކެޕްޓަން މުޙައްމަދު ރިފާއު ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް، ބުރު ސްޕޯޓްސްގެ ގޯލްކީޕަރު މުޙައްމަދު ޖަޒްލާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ރޭޑިއަންޓުން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯފީ އޮވޯސޫއެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނިއު ރޭޑިއަންޓުގެ ކޯފީއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ފަހުން މެޗުގެ 54 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްގެ އައްމަޑޭއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައިން ބުރު ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ނިއު ރޭޑިއަންޓުގެ ފުރަތަމަ ޕެނަލްޓީ ތޯރިގު ޖެބްރިން ފޮނުވާލިއިރު، އެ ޕެނަލްޓީ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އެ ޓީމުގެ ބިދޭސީ މިޑްފިލްޑަރު ފަރޫޚް ޚައިދަރޯފް ފޮނުވާލި ޕެނަލްޓީ ބުރު ސްޕޯޓްސްގެ ގޯލްކީޕަރު ޖަޒްލާން ވަނީ މަތަކޮށްފައެވެ.

ޕެނަލްޓީގައި ބުރުގެ ސްޓެފަން ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި ނަމަވެސް، އަނެއް ހަތަރު ޕެނަލްޓީ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއެކު މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދި ބުރަށް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރުންވެސް ފުރުސަތު ލިބިފައެވެ. ކޮލިފިކޭޝަން ބުރުން ފުރުސަތު ލިބޭނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި ރަނަރަޕް އަދި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.