ޚަބަރު

ޤައުމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އޮކްޓޯބަރު 3 ސަރުކާރު ބަންދު


ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް"، 3 އޮކްޓޯބަރު 2022 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ، ފަތުރުވެރިކަމުގެ 50ވަނަ އަހަރުގެ ޕްރޮގްރާމްތައް އިފްތިތާޙުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 3ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ،

މިއީ ރަސްމީ ސިފައެއްގައި މިކަމަށް ޚާއްސަ ދުވަހެއް ކަނޑައަޅާ ފާހަގަކުރަން ނިންމި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް، 27 ސެޕްޓެމްބަރާއި ގުޅުވައިގެންނެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރު ހަމަޖެއްސެވީ، އެ ތާރީޚަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭންފެށި ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވަފާއި މިވަނީ ރާއްޖޭގެ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް" ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށެވެ. ރައީސް އޮފީހުން ވިދާޅުވީ ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީކަމަށެވެ.

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ފާހަގަކުރުމަށް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.